ޤައުމު ފެއިލްވަމުން ގޮސް ހުރިހާ ދިމާލެއް ފާލުން ނައްޓައިފި ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މިއަދު ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތެރެއިން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރިގަތް މައްސަލައަށް ފާޑުވިދާޅުވެ އެކްސްގައި މަލީހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ސަލާމަތުން ހުރި އެއްވެސް ދާއިރާއެއް ނެތް ކަމަށެވެ.
މައި ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރުން "ވާނުވާ" ނޭގި މުދާތައް ގެއްލެމުންދާ ކަމަށާއި މިފަދަ މައްސަލަތައް ތަހުގީގު ކުރާނެ އިދާރާއެއް މިހާރު ނެތް ކަމަށެވެ.
ސަރުކާރުގެ ހުރިހާ ދިމާލެއްގައި ތިބީ ސިޔާސީ އެކްޓިވިސްޓުން ކަމަށާއި އެ ބޭބޭފުޅުންނާއި ބޭކަނބަލުން އުޅުއްވަނީ ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމަށް އެކަނި ކަމަށެވެ. ގައުމުގައި ވަމުންދާ ކަންކަމަށް ސަމާލުކަން ދޭނެ ބަޔެއް މި ސަރުކާރުގައި ނެތް ކަމަށް މަލީހްގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.
މިގޮތުން، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމުގައި ހުރެ މަރިޔަމް ޝިއުނާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަކުރި މައްސަލާގައި އެމްއޭސީއެލްއަށް ބޮޑު މުސާރައާއި އެކު ބަދަލުކޮށް އެތަނުގެ މަސައްކަތުގެ ބަދަލުގައި ޝިއުނާ އުޅުއްވަނީ ރައީސް މުއިއްޒާއި އެކު ދަތުރުކުރެއްވުމަށް ކަމަށް މަލީހް ސިފަކުރެއްވިއެވެ.
ސަރުކާރުގެ ތެރޭގައި ތިއްބެވީ ހުސް ޝިއުނާ ފަދަ "ފިންގާ" ނުޖަހާ މުވައްޒަފުން ކަމަށާއި ގައުމު ބޮޑު ތަނުން ފެއިލްވެއްޖެ ކަމަށް މަލީހް ވިދާޅުވިއެވެ.