ޖެންޑާ މިނިސްޓްރީގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން މިދިޔަ މަހުގެ ތެރޭގައި ގދ ހޯޑެއްދޫއަށް ދިޔަ ޓީމުން އެރަށު ރައްޔިތުން އިތުރަށް ނިކަމެތި ކޮށްފައިވާކަން ހާމަވެއްޖެއެވެ.
އެ ރަށު ރައްޔިތެއް ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޖެންޑާއިން ކުރި މި ދަތުރުގައި އެ އަންހެންމީހާގެ ބަލި ބައްޕަގެ ހާލަތު ވަރަށް ރަނގަޅަށް ކިޔާދިން ކަމަށާއި ބައްޕަގެ ހުރިހާ މުދަލަކާއި ގެ ސަރުކާރަށް ނަގައިގެންވިޔަސް ބައްޕައަށް ރަނގަޅު ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދި އާދޭސް ކުރި ކަމަށެވެ.
ގދ ހޯޑެއްދޫއަށް ޖެންޑާގެ ޓީމް ކުރި ދަތުރުގައު އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރެއްވެސް ބައިވެރިވި ކަމަށާއި ބައްޕަގެ ހާލު ބަލަން އެ ގެ ކައިރިއަށް އައިސް ގޭގެ އެތެރެއަށް ވަދެނުލާ ފަހުން އަންނާނެ ކަމަށް ބުނި ކަމަށެވެ. އޭގެ ފަހުން މިއަދާއި ހަމައަށްވެސް ޖެންޑާ މިނިސްޓްރީގެ އެއްވެސް ޚަބަރެއް ނުވާކަމަށް އެ ފަރާތުން ބުނެފައިވެއެވެ. ޖެންޑާގެ ޓީމާއި އެކުގައި ދަތުރުކުރެއްވީ ކޮންމެ ޑެޕިއުޓީ މިނިސްޓަރެއް ކަމެއް ހާމަކޮށްފައިނުވެއެވެ.
މިދިޔަ މަސްތެރޭގައި ޖެންޑާ މިނިސްޓްރީން އައި. އެމީހުން އައީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދޭ ޕްރޮގްރާމެއްގެ ތެރެއިންނޭ ކިޔާފަ. މި ގެއަށްވެސް އައި. އެކޮޅުން އައި މީހާ ކައިރީގައިވެސް އަޅުގަނޑު ބައްޕަގެ ވާހަކަ ދެއްކިން. ދެއްކީމަ އެމީހާ ބުނީ ޑެޕިއުޓީ މިނިސްޓަރެއްވެސް އެބައުޅެޔޭ. އެކުއްޖާ ކައިރީވެސް ތިވާހަކަ ދައްކާލާށޭ.އެމީހާ ގުޅައިގެން މިގެއަށްވެސް އައި. އައިއްސަ މިގޭ ދޮރު މައްޗަށް އަރާލާފަ ބުނަނީ ތިމަންނަ އަންނާނަމޭ ފަހުން. އަދިވެސް އަދިވެސް ނާދޭ.
މީގެ އިތުރުން، ހާލު ބެލުމުގެ ޕްރޮގްރާމެއްވެސް ޖެންޑާގައި އޮންނަ ކަމަށް ފާހަގަކޮށް އެ އަންހެންމީހާ ބުނީ ޖެންޑާއިން އައި އެއްވެސް މީހަކަށް ބައްޕަ ކައިރިއަށް ވަދެލާ ހާލު ބަލާލަން ނުކެރުނު ކަމަށެވެ.
ޖެންޑާގެ ޓީމުން ރައްޔިތުން ހާލުގައި ޖައްސާފައި، އިތުރަށް ނިކަމެތިކޮށް މަލާމާތްކޮށްލި ފަދަ އިހުސާސް ކުރެވުނު ކަމަށް އެމީހާ ވަރަށް އަސަރާއިއެކު ކިޔާދިނެވެ.
ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް، އަޅާލުމެއް ނުލިބުނުކަން އެންމެ ފަހުން ބަލި ބައްޕަ ކައިރީގައި ބުނި ކަމަށާއި ނިކަމެތި އެ ވާހަކަ ޤަބޫލުކުރަން ދަތިވެ މިހާރު ވާހަކަދެއްކުންވެސް ވަރަށް މަދުވެއްޖެ ކަމަށާއި ބައްޕަގެ ނަފްސާނީ ހާލަތުވެސް މިހާރު ދަށްވެއްޖެކަމަށް ފާހަގަކޮށްފައިވެއެވެ.
ބޭސްފަރުވާއަށް ނިކަމެތި ރައްޔިތުން ސަރުކާރަށް ސަލާން ޖަހަމުންދާއިރު ސަރުކާރުގެ ވެރިން ދައުލަތުގެ ފައިސާއިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ އެތަކެއް ތުހުމަތުތަކެއް އަންނަނީ އަމާޒުވަމުންނެވެ. މިއާއި އެކު ލޯކަލް ކައުންސިލް އިންތިޚާބާއިި ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް މުއިއްޒު ދަތުރުކުރައްވަމުން ގެންދަވާއިރު ބޭސްފަރުވާ އަށާއި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަކީ ސަރުކާރުގެ ސިޔާސަތުތަކެއް ނޫން ކަމަށް މިފަދަ ހާދިސާތަކުން ހާމަވެގެންދެއެވެ.