ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލަން ފެށީ މި ސަރުކާރުން ކަމަށް ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒު ހެއްދެވީ އިތުރުފުޅުކަން ހާމަވެއްޖެއެވެ.
ޖުމްހޫރި ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބުކުރައްވާ ރައީސް ވިދާޅުވެފައިވަނީ މީގެ ކުރިން ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލާފައި ނުވާކަމަށާ ރައްޔިތުންގެ ހާލުބަލަން ފެށީ މިސަރުކާރުން ކަމަށެވެ.
ނަމަވެސް އެއީ ރައީސް މުއިއްޒު ހެއްދެވި އިތުރުފުޅެކެވެ. އެގޮތުން ރައީސް އިބްރާހިމު މުހައްމަދު ސާލިހްގެ ވެރިކަމުގައި "އިބަމަ" ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ ޙާލު ބެލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
މިކަމަށް ބާރުދޭ ޕޯސްޓެއް ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓު އިފްހާމް ހުސެއިން އެކްސްގައި ކުރައްވާފައިވެއެވެ.
އިފްހާމު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެމްޑީޕީ ސަރުކާރުގެ ދައުރުގައި 'އިބަމަ' ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ ޙާލު ބެލުމުގެ މަސައްކަތް ގޭގެއަށް ޒިޔާރަތްކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ހަމައެކަނި ނަން ބަދަލުކޮށް، ދާއިރާ ހަނިކޮށް "ހާލު ކިހިނެއް" ނަމުގައި އައު ޕްރޮގްރާމެއް ފަށާފައިވާކަން އިފްހާމް ފާހަގަކުރެއްވިއެވެ.
އިފްހާމް ވިދާޅުވި ގޮތުގައި އެތައް ހާސް ރައްޔިތުންގެ ހާލު ބެލުން ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި ކޮވިޑްގެ ހާލަތުގައި ވެސް ހާލު ބެލުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ. އެގޮތުން ކޮވިޑްގެ ވަބާގެ ފުރަބަންދުގައި އެކަނިވެސް ނާޒުކު ޙާލަތުގައި ދިރިއުޅޭ 9،000އަށް ވުރެ މީހުންގެ ހާލަތު ބަލާފައިވާނެކަމަށް އިފްހާމް ވިދާޅުވެފައިވެއެވެ.
އޯގާތެރި ސަރުކާރެއްގެ ވާހަކަ ދައްކަވާއިރު، މި ސަރުކާރުގެ ވަލިއްޔުލްއަމްރަށް އެނގިވަޑައިނުގަންނަވަނީތޯ ނިތްކުރިއަށް ރުލެއްވެސް އަރުވާނުލާ ހެދޭ ހާ ދޮގު؟
— Ifham (@ifhamh) November 12, 2024
މީގެ ކުރިން ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބައްލަވާފައި ނުވާކަމަށް ރައީސް ވިދާޅުވިއިރު، އެމްޑީޕީގެ ސަރުކާރުން 'އިބަމަ'… pic.twitter.com/yeM3f70dkq
މީގެ އިތުރުން "އިބަމަ" ޕްރޮގްރާމްގެ ތެރެއިން ގިނަ އަތޮޅުތަކުގައި ތަމްރީނު ހިންގާފައިވާ ކަމަށާއި، 74 ރަށެއްގައި ވަލްނަރަބިލިޓީ މެޕިންގ ހަދައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެވިފައިވާކަން އިފްހާމު ފާހަގަކުރައްވާފައިވެއެވެ.
އިފްހާމް އިތުރަށް ވިދާޅުވީ، މި މައުލޫމާތު ރައީސް އޮފީހުގައި ހުންނާނެ ކަމަށާއި، އެ މައުލޫމާތު ބައްލަވާލެއްވުމަށްފަހު މިފަދަ އިތުރުފުޅު ނުހެއްދެވުމަށް އެދޭ ކަމަށެވެ.
ރައީސް މުއިއްޒުއަކީ ރައްޔިތުންނަށް ދޮގު ހަދާ އޮޅުވާލަމުން ގެންދާ ބޭފުޅެއްކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންކަން ފާހަގަކޮށްލެވެއެވެ.