މަޝްހޫރު އެކްޓިވިސްޓް ޝެހެނާޒް މޫސާ އޭނާގެ ފޭސްބުކް އެކައުންޓްގައި ހިއްސާކުރި ވީޑިއޯއެއްގައި، ކުޑަކުއްޖަކަށް އެއުމުރުގެ އެހެން ކުއްޖަކު ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ އަމަލުތަކާ މެދު ސުވާލު އުފައްދައިފިއެވެ.
މި މައްސަލައިގައި ޖެންޑަރ މިނިސްޓްރީން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
ޝެހެނާޒް މޫސާގެ ވީޑިއޯގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު ލިބުމާއެކު، ޖެންޑަރ މިނިސްޓްރީން ވަނީ އެ މައްސަލަ ރަނގަޅަށް ތަހުގީގުކުރުމެއް ނެތި، ގޯނާ ލިބުނު ކުއްޖާ އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކޮށްފައެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގެއް ނުނިމެނީސް އަދި ކޯޓު އަމުރެއް ނެތި ކުއްޖަކު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދެވޭނެ ގޮތެއް ގާނޫނު ނުވަތަ ގަވާއިދުތަކަކު ބަޔާންކޮށްފައެއް ނުވެއެވެ. މިފަދަ ހާލަތްތަކުގައި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާއިރު، ކަނޑައެޅިފައިވާ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަކީ މަޖުބޫރު ކަމެކެވެ.
ޝެހެނާޒް ފާހަގަކޮށްފައިވާ ގޮތުގައި، ޖެންޑަރ މިނިސްޓްރީގެ މި އަމަލަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 19/2019) އަދި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި ރައްކާތެރިކުރުމާބެހޭ ގަވާއިދާ ދެކޮޅު އަމަލެކެވެ. މި ގާނޫނާއި ގަވާއިދުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ތަހުގީގުކުރަންޖެހޭނެ އުސޫލުތަކާއި، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. ތަހުގީގެއް ނެތި ކުއްޖަކު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރުމަކީ މައްސަލައިގެ ހަގީގަތް ހާމަކުރުމަށް ހުރަސް އެޅި، ކުއްޖާއަށް އަދި ކުއްޖާގެ އާއިލާއަށް އިތުރު ބުރައެއް އެޅިދާނެ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އާންމުވަމުންދާއިރު، ޖެންޑަރ މިނިސްޓްރީން މިފަދަ މައްސަލަތައް ބަލަމުންދާ އުސޫލުތަކާ މެދު ސުވާލު އުފެދި، މިފަދަ ނާޒުކު މައްސަލަތައް ބެލުމުގައި ޒިންމާދާރުކަމާއި ގާނޫނީ އުސޫލުތަކަށް ތަބާވުމުގެ މުހިއްމުކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ދިވެހިރާއްޖެ ފަދަ ކުޑަކުޑަ މުޖުތަމައުގައި ކުޑަކުދިންގެ ފަރާތުން މިފަދަ އަމަލުތައް އާންމުވަމުން އަންނައިރު މިފަދަ ކުދިންނަށް މުޖުމަތަމައު ތެރެއިންނާއި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން އެކަށީގެންވާ ރިހެބިލިޓޭޝަން ނުވަތަ އެހީތެރިކަން ފޯރުކޮށްނުދޭކަން ފާހަގަކުރެވެއެވެ.