March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު އުޅުއްވަނީ ގައުމު ހިންގުމުގެ ބަދަލުގައި ރިކޯޑް ހެއްދެވުމުގައި ބިޒީކޮށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 29, 2025, 02:11 PM
މާލެ ސިޓީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ޓާގެޓްކޮށްގެން ރައީސް މުއިއްޒު އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ކ.ތުލުސްދު އަށް މިއަދު ވަޑައިގަތުމާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތް ރައީސެއްގެ ގޮތަށް ރައީސް އޮފީހުން ޕްރޮމޯޓް ކުރުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

ތުލުސްދު އަށް ވަޑައިގަތުމުން، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ސިޓީއަކަށް ރައީސް މުއިއްޒަށް މަގާމުގެ ހައިސިއްޔަތުން ވަޑައިގެންނެވުނީ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފައެވެ.

ގައުމު ހިންގެވުމުގެ ބަދަލުގައި މުއިއްޒު އަންނަނީ ރިކޯޑް ހެއްދެވުމާއި ދަތުރުކުރެއްވުމުގައި ބިޒީކޮށް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން، ހއ އަތޮޅުގައި ރޭ ބޭއްވުނު ތިލައުތުރު އެވޯޑްސް ހަފްލާއަށް ރައީސް މުއިއްޒަށް ދަޢުވަތު އެރުވުމުންވެސް އެ ޝަރަފުވެރި ޖަލްސާ ދޫކޮށް މުއިއްޒު ގެންދަވަނީ ރަށްރަށަށް ވަޑައިގެން ނުފުއްދޭ ވައުދުތައް ވަމުން ކަމަށް އެ ޖަލްސާގެ ޝަރަފުވެރިކޮށްދެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވެސް ވަނީ ސިފަކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެންފައިވާ ކަމަށާއި އެ މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރާތް ކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ.

ހުރިހާ ރަށަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ދަތުރު ކުރައްވައި ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރާއްޖޭގެ އެންމެ މަތީވެރިއަކު ތާރީހުގައި ވެސް އަލަށް ކުރެއްވި މުހިއްމު ކަމެއްގެ ގޮތުގައި ރައީސް އޮފީހުން ސިފަކުރި އެވެ.

ނަމަވެސް 63 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތް ކުރިއިރުވެސް އެއް ވަޢުދުތަކެއް ވެ، ކުރިން ނިންމަން ބުނި މަޝްރޫއުތައްވެސް ކުރިއަށް ނުދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved