މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ގަޑިން 4:45 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގައި ހިނގައި ދިޔަ ވައްކަމުގެ ހާދިސާއާ ގުޅިގެން 4 މީހުނާއެކު، ފިލަން ބޭނުން ކުރި ލޯންޗުވެސް އަތުލައިގަނެވިއްޖެކަމަށް ބުނެ ސަރުކާރުން މެޑަލް ޖަހާއިރު ފޭރުނު ޑޮލަރުތައް ހޯދިފައިނުވާކަން ހާމަވެއްޖެއެވެ.
ޑޮލަރުތައް ހޯދިފައިވާވޭތޯ ފުލުހުންނާ ސުވާލުކުރުމުން ޑޮލަރުތަކާއި ބެހޭގޮތުން އެއްވެސް ޖަވާބެއް ދެވެން ނެތްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް މިކަމާ ގުޅޭގޮތުން މޮޅެތި ވާހަކަ ދައްކަވާއިރު ހަގީގަތުގައި ފޭރުނު ޑޮލަރުތަކުގެ ވާހަކަ ހިއްސާ ނުކޮށްލައެވެ.
ލައްކައަކަށް ވުރެ ގިނަ އަދަދަކަށް ޑޮލަރު އެ ސޫޓް ކޭސްގައި ހުރި ކަމަށާއި، ސޫޓްކޭސް ފޭރިގަތް މީހުން ލޯންޗުގައި ދިޔައީ ކ.ހުރަ އަށް ކަން އިތުބާރު ހިފޭ މަސްދަރަކުން މައުލޫމާތު ލިބިފައި ވެއެވެ.
އެއާޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ލިބެމުން ދަނިކޮށް، މޫނު ނިވާ ކޮށްގެން ތިބެ މިފަދަ ވައްކަމެއް ހިންގަން ފުރުސަތު ލިބުނީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.
އެއްލައްކަ ޑޮލަރު ސޫޓް ކޭހުގައި ބީއެމްއެލްގެ ދެ މުވައްޒަފުން ގެންދިޔައިރު ފުލުހުންގެ އެހީތެރިކަން ހޯދާފައި ނުވަނީ ކީއްވެތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.
މިމައްސަލައިގައި ބަޔަކު ހައްޔަރުކުރެވުނު ނަމަވެސް ފޭރުނު ޑޮލަރުގެ ތެރެއިން އެއްވެސް އަދަދެއްގެ ޑޮލަރު މިހާތަނަށް ފުލުހުންނަށް ހޯދުނުކަން ނުވަތަ ނޫންކަން ވެސް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.
މި މައްްސަލައިގައި 27 ވަނަ ދުވަހު ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ އަންގާރަ ދުވަހު އެމީހުންގެ ވަަނަވަރު އާންމުކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިިވަނީ މާލެ އަތޮޅު ހުރައިންނެވެ. އެ މީހުންނާ ގުޅުން ހުރި ގެއެއް ކޯޓު އަމުރެއްގެ ދަށުން މިހާރު ފާސްކުރަމުން ދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ހުރާ އަށް ނިސްބަތްވާ ދެ މީހުން ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ބީއެމްއެލްގެ ދެ މުވައްޒަފުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.
އެނގިފައިވާ ގޮތުން، ސޫޓް ކޭހުގައި ހުރީ މި މަހުގެ 28 ވަނަ ދުވަހު ހެނދުނުގެ ތިން ފްލައިޓަކުން ފުރި ދިވެހިންނަށް ދޫކުރާ ޑޮލަރުތަކެކެވެ. އެ ފައިސާ ފޭރިގަތީ އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދަނިކޮށެވެ.
ޑޮލަރު ފޭރިގަތް ވަގުން ޓާމިނަލަށް ފޭބީ ކާރަކުން ކަމަށް ވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައި ވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު ލިބެއެވެ.