ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާ ތިން މީހަކަށް އަނިޔާވެ ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރަމުން ދިޔަ 3 މީހަކަށް ވަނީ އަނިޔާވެފައެވެ. އެ ތިން މީހުންނަށްވެސް މިވަގުތު ދަނީ ސަރުކާރުގެ މައި ހޮސްޕިޓަލު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި އެކަމުގެ މަޢުލޫމާތު ލިބި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި ކޮޅުވެއްޓި ބަންޑން ޖަހާލާފަިއވާ ކަމުގެ މައުލޫމާތު މިއަދުގެ މެންދުރުން އަނބުރާ 3:44 ހާކަން އިރު ލިބިފައިވެއެވެ. އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ދާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މިކަމުގެ އިތުރު ތަފްސީލު ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައިނުވެއެވެ. ނަމަވެސް މީސް މީޑިޔާގައި ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފަިއވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލީ އެކްސްކަވޭޓަރުތަކެއް އަންލޯޑު ކުރުމުގެ ތެރޭގައެވެ.