
ފަތުރުވެރިން ހޯދަން ޑައިވްކުރި ސިފައިންގެ ޑައިވަރު ޑިކޯވެގެން ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ސިފައިން ކަނޑުއަޑީގައި ހިންގާ އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.
އޭނާ ނިޔާވެފައިވަނީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވެ ޑައިވް ކުރަނިކޮށް ޑިކޯ ވެގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މަހުދީ ހާލު ދެރަވެގެން މާލެ ގެނެސް، އޭޑީކޭއަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
ފަތުރުވެރިން ކަނޑު އަޑީގައި ތާށިވެ ހިނގައިގެން އުޅޭ ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ޑައިވިންއަށް ގެންދިޔަ ސަފާރީގެ އޮޕަރޭޓިންގް ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ބުރާސްފަތި ދުވަހު ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އޭނާ ފެނުނީ އިރުއޮއްސި 18:13 ހާއިރު، 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިން މަރުވެފައި އޮއްވައެވެ. ބާކީ ތިބި 4 މީހުން ހޯދުމުގެ މަސައްކަތް ދަނީ ފުޅާދާއިރާއެއްގައި ކުރިއަށެވެ.
ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އޮޕަރޭޓަރުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ މިންގަނޑުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.










