theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
މިއަދަކީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަސް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
03 ނޮވެމްބަރު 2025
މާލެ ސިޓީ

1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަސް ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚް ނުދެކޭފަދަ ބިރުވެރި ކަންތައްތަކަކާ ދިވެހިން ކުރިމަތިލާންޖެހުނު ދުވަހަކަށެވެ. ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލި ދުވަހަކަށެވެ.

ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.

އެ ބިރުވެރި ދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލެ، ދިވެހި ޤައުމަށް ޣައްދާރުވި އަދާވާތްތެރިންގެ ބާރުގެ ދަށަށް ގެންގޮސް ހަތިޔާރާއެކު ދިވެހި ސިފައިންގެ މައި މަރުކަޒަށް ޙަމަލާދެމުން ގެންދިޔައެވެ. މި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތް ސިފައިންގެ 8 ބޭފުޅަކު ބާޣީންގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެގެންދިޔައެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުކޮށްލި 11 މީހުންނާއެކު ޖުމްލަ 19 މީހުން މި ޢުދުވާނީ ޙަމަލާގައި ވަނީ ޝަހީދުކޮށްލާފައެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ ޢުދުވާނާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން، ދިވެހިރާއްޖެ މިއުދުވާނުން ދިފާޢުކުރެއްވުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

މިގޮތުން، މާލެއަށް ދޭންފެށިތާ ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 އެއްހާ މީހުން ކަނޑާއި ވައިގެ މަގުން ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ. އިންޑިއާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު ދިވެހި ސިފައިންނާއި، ތަމަޅަ ޓައިގަރުންގެ ދެމެދު ޙަމަލާތައް ބަދަލު ކުރެވި ހަނގުރާމަ އޮތީ މައިތިރިވެފައެވެ. އޭރު ދިވެހި ސިފައިންގެ މަސައްކަތްކުން އެމީހުންގެ އެތައް ބަޔަކު ވަނީ މަރާލާފައެވެ.

ނޮވެމްބަރު 3 ގެ ޙަމަލާއަށް 37 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު މި ޙަމަލާ ކާމިޔާބުވިނަމަ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ފުރޮޅި ޤައުމަށް ޣައްދާރުވި މަކަރުވެރި، ބަޔަކާއި ޓެރަރިސްޓް ޖަމާޢަތެއްގެ އަތްމައްޗަށް ރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލުވެގެންދާނެއެވެ. އެހެންކަމުން މި އުދުވާނީ ޙަމަލާއިން ދިވެހިޤައުމަށް ނަޞްރު ލިބުމަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް ލިބުނު ނަޞްރަކަށް ވާއިރު ދިވެހި ގައުމަށް ދަހިވެތިވެފައި ތިބި އަވަށްޓެރި ގައުމުތަކުގެ ކިބައިން މި ދިވެހި ގައުމު ސަލާމަތްކުރިމަށް އަދުގެ ސަރުކާރުން ވިސްނަން ޖެހެއެވެ. ގައުމުތަކުގެ އުނގަށް ވެއްޓި ނުގަނެ، އެންމެ އަވައްޓެރި ގައުމުތަކުގެ ދަރަނީގައި ނުބަދެވި ގައުމުގެ ރައުސްމާލްތައް ރައްކާތެރިވާންޖެހެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved