
ޤައުމު ދިފާޢުކުރަންޖެހޭ ތަންތާ ރައީސް ޑރ މުހައްމަދު މުއިއްޒު ފެންނަނީ ދަތް ނެތް ސިންގާއެއް ގޮތަށް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވި، ނަސްރުގެ ދުވަހު އައު ކުރަންވީ އަޒުމަކީ މުއިއްޒުގެ ކިބައިން ޤައުމު ސަލާމަތްކުރުމުގެ އަޒުމް ކަމަށެވެ. އަދި މިހާރު ފެންނަމުން ދަނީ ވެރިން ޤައުމު ރޮލާ ކާލާތަން ކަމަށް ވިދާޅުވެ މަލީހު އިތުރަށް ވިދާޅުވެފައިވަނީ ގައުމުގައި ވެރިންގެ ތެރޭގައި ވައްކަން އިންތިހާ ކަމަށެވެ.
މީގެ އިތުރުން ގައުމު މިއަދު އިގްތިސޯދީ ގޮތުންވެސް ފުދުންތެރި ނޫންއިރުވެސް ފެންނަމުން ދަނީ ވެރިން ކުރާ އިސްރާފުގެ ބައި ބޮޑު މަންޒަރު ކަމަށާ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން އޮތް ރައްޔިތުންގެ މަޖިލިސް ވެސް ވަނީ ތަޅުއަޅުވާފައި ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ހުރިހާ ބާރުތައް މުށުތެރެއަށް ލައްވައިގެން ހންނެވި ނަމަވެސް ޤައުމު ދިފާޢުކުރަންޖެހޭ ތާ ރައީސް މުއިއްޒު ފެންނަނީ ދަތް ނެތް ސިންގާއެއްގެ ގޮތުގައި ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.










