ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު 03 ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ދިވެހިންގެ ލޭ މި ފަސްގަނޑުގައި އޮހޮރުވާލާ ބަޣާވާތެއްގެ ތެރެއިން ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބިރުވެރި ދުވަހުގައި މި ގައުމަށް ނަސްރު ދެއްވި ކަމަށްޓަކައި اللّه سبحانه وتعالى ގެ ހަޟުރަތަށް ހަމްދާއި ޝުކުރު ދަންނަވާ ކަމަށާއި ޝުކުރު ކުރުން މަތީ ދިވެހިން އަބަދުވެސް ތިބެންޖެހޭނެ ކަން މިއަދުގެ ހާދިސާއިން ހަނދާންކުރަން ޖެހޭނެ ކަމަށެވެ.
މީގެ 37 އަހަރު ކުރިން ދިން އުދުވާނީ ހަމަލާގެ ހަނދާން އާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދަކީ ގައުމުގެ މިނިވަންކަމަށްޓަކައި ދިވެހި ސިފައިންގެ ވަރުގަދަ ޢަޒުމާއި ގުރުބާނީ ފާހަގަކުރަންޖެހޭ ދުވަސް ކަމަށާއި މިއީ ޒުވާން ޝަހީދު ހުސައިން އާދަމްގެ މަތިވެރި ޖިހާދު ހަނދާންއާކޮށް އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަހުގެ ގޮތުގައި މި ދުވަސް އަބަދުވެސް ފާހަގަކުރަންޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމީ ބަޠަލު ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީގެ މަތިވެރި ހިތްވަރުގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ހަމަލާތައް ދިނުމަށް މަގުފަހިކޮށްދިން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިއާއި އެކު މިއަދަކީ އަވަށްޓެެރި އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭނެ ދުވަސްކަންވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވިއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެމްބަރު، 1988 ގައި ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ބަޔަކު މާލެއަށް ހަމަލާދިން ދުވަހާ ގުޅުވައިގެންނެވެ. އެ ހާދިސާއަށް މިއަދު 37 އަހަރު ވަނީ ފުރިފަ އެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވި އެވެ.