ޕާކިސްތާނުގެ މަސްވެރިއަކު ހައްޔަރުކޮށް އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީގެ މަސައްކަތްތައް ކުރަން މަޖުބޫރު ކުރުވައިފިއެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތައު لله ތަރާރު ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން ޕާކިސްތާނުގެ މަސްވެރިއަކު ހައްޔަރުކޮށް އިންޑިއާގެ އިންޓެލިޖެންސް އިދާރާއަށް މަސައްކަތް ކުރަން މަޖުބޫރު ކޮށްފައިވާ ކަމަށެވެ.
ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތަލާލް ޗައުދަރީއާ އެކު އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރާރު ވިދާޅުވީ އިންޑިއާގެ މީޑިއާތަކުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިޖާޒް މަލާހު ނަމަކަށް ކިޔާ މަސްވެރިއަކު ކަނޑުމަތީގައި މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާގެ ފުލުހުންގެ އިދާރާތަކުން ހިފަހައްޓާފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރުމަށްފަހު އޭނާ ޕާކިސްތާނާ ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރު ކުރީ 2-3 އަހަރަށް ޖަލަށްލާނެކަމަށް ބިރު ދެއްކުމަށްފަހުއެވެ.
އޭނާއަާ ހަވާލުކުރީ ޕާކިސްތާން އާމީ އަދި ސިންދް ރޭންޖާސްގެ ޔުނީފޯމު ފަދަ ތަކެތި ހޯދުމުގެ މިޝަނެއްކަމަށް ވެސް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލައިގައި އޭނާއާ ކުރަންޖެހޭ ސުވާލުތައް ވެސް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.