
ގައުމުުގެ ކަންކަން ފާލުން ނައްޓަ ފަސާދައިގެ ތެރެއަށް ގަރަގުވެގެން ދިޔައީ، ރައީސް މުހައްމަދު މުއިއްޒުގެ ގެ، މ.ދިމްޔާތުން ފައިސާ ބަހަން ފެށި ހިސާބުން ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ޔުނިފޯމު ބޮޑީޒްތަކުގައި ތިބެ މުވައްްޒަފުން ވައްކަމާ ކޮރަޕްޝަން އަދި އަޚްލާގީ ގޮތުްނދަށު ދަރަޖައިގެ ކުށްތަކަށް އަރައިގަންނަކަން ހާމަކޮށް ލިޔެފައިވާ ސުރުހީއެއް ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑު ސޯބު އެނބުރޭ ގޮތަށް އެހެން ހުރިހާ ސޯބުތައް ވެސް އެނބުރެނީ ކަމަށެވެ. އެގޮތުން ޑރ ޖަމީލު ވިދާޅުވެފައިވަނީ، ދިމްޔާތުން ކަޅު ދަބަހުގައި މަޖްލިސް މެމްބަރުންނަށް ފައިސާ ބަހަން ފެށި ހިސާބަކީ މުޅިތަން ފަސާދަ ވާންފެށި ހިސާބު ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ފައިސާ ނަގާ މީހުން، ފައިސާގެ އަޅުންނަށް ވެރިން ހަދަމުން ދާކަން އެއީ މިއަދު އެންމެން ދަންނަ ޙަގީގަތެއްކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ގައުމުގައި ހިނގަމުންދާ ބޮޑެތި ކުށްކުށުގެ ތެރޭގައި ސަރުކާރުގެ ޔުނިފޯމު އެޅި އެކި މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭކަން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.










