
މަޖިލިސް މެންބަރުން ފަށް ރޯނުން ބަނދެ، ސުޕްރީމް ކޯޓު މުށުތެރެއަށް ލުމުން ސޭފެއް ނުވާނެ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިންގެ ވަރުގަދަ ރައްދެއް ރައީސް މުހައްމަދު މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.
އަލީގެ ބަހުގެ ހަމަލާއެއް އަމާޒުކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެގައުމަކީ ސޭފްތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ގަބޫލުކުރެވޭކަމުގައި ވަނީ ނަމަކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އަލީ ވިދާޅުވެފައިވަނީ އަދުލުވެރިކަމާއެކު ޝަރީއަތްކޮށް ހުކުމް ނުކުރެވޭނެ ގައުމެއްގައި އިންވެސްޓުކުރަން ގިނަ މީހުން ބޭނުމެއް ނުވާނެ ކަމަށެވެ.
އިންސާފުވެރި ޝަރީއަތްތައް ނުހިނގާކަން ފާހަގަކުރައްވަން އަލީ ހަނދާނަށް ގެންނެވީ މަޖިލިސް މެމްބަރުންނގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުއެވެ. އަލީ ވިދާޅުވި އިންސާފު ލިބޭނެކަމުގެ ޔަގީންކަން ހޯދައިދިނުމަކީ އެންމެ ބޮޑު ރައްކައުތެރިކަން ކަމަށާ، މަޖިލިސް މެންބަރުން ފަށް ރޯނުން ބަނދެ، ސުޕްރީމް ކޯޓު މުށުތެރެއަށް ލީމާ އެއްވެސް ކަމެއްގެ ރައްކާތެރިކަން ނޯންނާނެ ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.
އަލީ މިފަދައިން ވިދާޅުވެފައިވާއިރު، މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހާ ގުޅިގެން އަލީ އިސްވެ ހުންނަވާ ސުޕްރީމު ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލަން ސުޕްރީމު ކޯޓުން ނިންމުމުން ރައީސް މުއިއްޒު ވަނީ މުޅި ސުޕްރީމު ކޯޓުގެ ބެންޗު އެ ފުށް މިފުށަށް ޖަހަން އަމުުރު ކުރައްވާ ޖޭއެސްސީ މެދުވެރިކޮށް ބައެއް ފަނޑިޔާރުން ވަކިކޮށް ބެންޗަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ.
ނަމަވެސް ރައީސް މުއިއްޒަކީ ޖުޑިޝީއަރީ ތެރެއަށް އަތް ނުބާނާނެ ކަމަށް ވިދާޅުވެ އައި ވެރިއެކެވެ.










