ލ.ފޮނަދޫގައި އަޅަން ހަވާލުކުރި 100 ހައުސިންގ ޔުނިޓު އެޅުމަަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ)ގެ އަންހެނުންގެ ކުންފުންޏާ ހަވާލުކުރުމުން އަނެއްކާވެސް ރައީސް މުހައްމަދު މުއިއްޒަށް ސަނާ ކިޔަން ފަށައިފިއެވެ.
ވެރިކަމަށް ރައީސް މުއިއްޒު އައުމާއެކު އަދުރޭގޭ ދަރިކަލުންނަށް ޓޫރިޒަމް މިނިސްޓަރުކަން ދިނެވެ. އޭރު އަދުރޭ ހުންނަވަނީ އަބަދުވެސް ރައީސް މުއިއްޒު ވަރު ނެތިފައެވެ. ނަމަވެސް އަދުރޭގެ ދަރި ފައިސަލްގެ ފެންވަރު ނެތި ބައިނަލްއަގްވާމީ އިވެންޓުތަކުގައި އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަން ފެށިއެވެ. އެއާކު ރައީސް މުއިއްޒު ވެސް އެ ފަދަ ނާގާބިލު ފަރާތެއް މަގާމަށް އައްޔަން ކުރުމުން ގިނަ ބަޔަކު ފާޑުކިޔެވެ. މިއާއެކު މުއިއްޒު ފައިސަލް މަގާމުން ވަކި ކުރިއެވެ.
ފައިސަލް މަގާމުން ވަކިކުރުމުން އަދުރޭ އަދި މުއިއްޒުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އެހެންނަމަވެސް ދާދި ފަހުން ލ. ފޮނަދޫގައި 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު އަދުރޭގެ އަންހެނުންގެ ކުންފުންޏާ ހަވާލުކޮށް މައުލޫމާތު ލިބުނުގޮތުގައި 3.9 މިލިއަން ފައިސާވެސް ވަނީ ހަވާލުކޮށްފައެވެ.
އެހެންކަމުން އަދުރޭ ވަނީ އަނެއްކާވެސް މުއިއްޒަަށް ސަނާކިޔަން ފަށާފައެވެ. ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޚާއްސަ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ހޮނިހިރު ދުވަހު ބޭއްވި ހަރަކާތެއްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަދުރޭ ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ރައްޔިތުން ބައިވެރިވާނީ އެ ރައްޔިތުންގެ ތާއީދު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮތުމުން ކަމަށާއި އަދި އެ ރައްޔިތުން ޖަލްސާގައި ބައިވެރިވާނީ ރައީސް މުއިއްޒު މިހާތަނަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރުވެރިވާތީ ކަމަށެވެ.
އަދުރޭ މިފަދައިން ރައީސް މުއިއްޒަށް ސަނާ ކިޔުއްވި ނަމަވެސް ޖަލްސާއަށް ސަރުކާރުން ވަނީ ރަށްރަށުގެ ސަރުކާރު މުވައްޒަފުން ގެނެއުމަށް އަންގާ ހާޒިރީ މާކު ކުރަން ނިންމާފައެވެ.