
2026 ވަނަ އަހަރަށް ލަފާކުރި ބަޖެޓު މުޅިންހެން ކަހަލަ ގޮތަކަށް ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ބޮޑުންގެ ޖީބަށް ކަހާލައިފި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ނުރުުހުން ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު އަމާޒުކުރައްވައިފިއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގެ ރަށްތަކަށް ތަރައްގީ ގެނައުމުގެ ނަމުގައި މި ސަރުކާރުން ޕީއެންސީގެ މަޖިލިސް މެމްބަރުންތަކެއްގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ދޫކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ އަޑު އިވެމުން ދަނީ ބޮޑެތި ދޮގުތައް ތަކުރާރުކޮށް ރައްޔިތުންނަށް އޮޅުވާލަމުންދާ ވާހަކަ ކަމަށާ، އަދި ހަމައެހެންމެ ބޮޑެތި ވައްކަން ކޮށް ރައްޔިތުންގެ އިތުބާރު ގެއްލިފައި ތިބި، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުމެން ފަދަ މީހުން ގާތްކޮށް ހިންގަމުންދާ އިތުރު ޖަރީމާތަކުގެ ވާހަކައިން މުޅި ފަޒާ ގުގުމާފައިވާ ކަމަށެވެ.
މީގެ އިތުރުން މިހާރު އިވެމުން ދަނީ އަނެއްކާވެސް ބޮޑު ކޮރަޕްޝަންގެ ވާހަކައެއްގެ އަޑުކަމަށާ އެގޮތުން އެންމެ ފަހުން މުޅި ބަޖެޓް ޕީއެންސީ ބޮޑުން ބިޑަކާ ނުލައި ޖީބަށް ކަހާލި ވާހަކަ މިހާރު އިވިގެންދާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވަނީ، ތަރައްގީގެ މަޝްރޫއުތައް ނުހިންގާކަމާއި، މަޝްރޫއުއެއް އިއުލާނުކޮށް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރާކަމުގެ ޝަކުވާ ބޮޑުވުމުން ގޮތް ހުސްވެ އަމިއްލަ ކުންފުނިތަކާ 205 މަޝްރޫއެއް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތައް ކަން ފާހަގަކޮށްލެވެއެވެ.










