theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަދުރޭއެވެ. ހަކުރު ދެންޏާ ބޮޑުބޭބެ ދޯއެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
އަދުރޭއެވެ. ހަކުރު ދެންޏާ ބޮޑުބޭބެ ދޯއެވެ.
09 ނޮވެމްބަރު 2025
މާލެ ސިޓީ

ތިމާ ހިތް ރުހިއްޖެ ނަމަ އެމީހަކަށް އުޑުން ތަރިވެސް ބާލަ ދޭނއެވެ. އަދި ހަމައެހެންމެ އެމީހެއްގެ ކިބައިގައި ނެތް ހުނަރަކާ ގާބިލުކަން ވެސް ފެނި ތައުރީފާ ސަނާ ކިޔުން އިންތިހާއަށް ދާނެއެވެ. ޔައުނީ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ.

މިއަދު ދައްކަން މިއުޅެނީ ސިޔާސީ މައިދާނުން މިހާރު ފެންނަމުންދާ މިފަދަ ވާހަކައަކަށެވެ. އެގޮތުން ތިޔަ އެންެމެ ބޭފުޅުންވެސް ހަނދާން ބަލި ނޫން ނަމަ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމު އަބްދުﷲ މިސަރުކާރު ގެންނަން ތައްގަނޑެއް ވަގަށް ނަގައިގެން ބޭފުޅަކަށް ރިޔާސީ އިންތިހާބުގެ ކެންޑިޑެންސީ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް އެހީތެރިވި ވާހަކަ ހަނދާން ހުންނާނެއެވެ.

އޭރު އެއީ ޕީއެންސީގެ ރައީސްއެވެ. ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ނުހައްގުން ބަހައްޓައިގެން އެމަނިކުފާނުގެ ކެންޑިޑެންސީ ބާތިލުކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަޔަކު ގެއްލުވާލީއެވެ. އެއާއެކު މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބަށް މަގު ކޮށައިދިނީ އަދުރޭ އަޑީގައި ހުރެގެންކަން އޭރު ގިނަ ބަޔަކަށް ނޭނގެއެވެ. ނަމަވެސް އެކަން އެހެން ކުރީ ސީދާ އަދުރޭއަށް ވެސް އެނގިގެންނެވެ. ޝަރުތަކަށް އޮތީ ނައިބު ރައީސްކަން އޭނާއަށް ދިނުމާ އޭނާގެ ދަރިފުޅަށް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ދިނުމެވެ.

ނަމަވެސް ނައިބު ރައީސްކަން ދޭން މުއިއްޒު ދެކޮޅު ހެދުމުން ދެން ޑިމާންޑު ކުރި މަޖިލިސް ރައީސްކަމަށެވެ. އެގޮތަށް އެއްބަސްވެ ކަން ނިންމީ އަދުރޭ ދިރިއުޅެމުން ދިޔަ ގޭގެ ޓެރަސްގައެވެ. މިކަން ދަންނަ މީހުން އަދި ދުނިޔޭގައި އެބަ ތިއްބެވެ.

ކޮންމެ އަކަސް މަޖިލިސް ރައީސްކަމާ ދަރިފުޅަށް ވަޒީރުކަން ދޭން އެއްބަސްވުމުން އަދުރޭ ހީވީ ރައީސް މުއިއްޒު ފައިބުޑަށް ވެއްޓި ބޫޓުގައި ދޫލާން ފެށިހެންނެވެ. ސަނާއާ ތައުރީފު އޮއްސަން ފެށީ ތިޔަހެން ބުނެފައެއް ނޫނެވެ. ބަޑިތަކުރު ވިހޭރޭ އަލަފަތްވެސް އެހާ ތިޔާގި ނުވާނެ ތޯއްޗެކެވެ.

ކޮންމެ އަކަސް އަދުރޭ ރައީސް މުއިއްޒަށް ތައުރީފުކުރަމުން ގެންދިޔައީ ފިރިހެން ކުއްޖަކު އަންހެން ކުއްޖަކު ސެޓުކުރަންވެސް ތައުރީފުނުކުރާނެ މިންވަރަށް ތައުރީފުކުރަމުންނެވެ. ކަންކަން އެ މަގުން ހިނގަނިކޮށް ކުއްލިއަކަށް އަދުރޭއަށް ކުރިމަތިވީ ޒަލްޒަލާއެކެވެ. ފެށުނީ ދަރިފުޅުގެ މަގާމާ ހަމައިންނެވެ. ދަރިފުޅު އިބްރާހިމު ފައިސަލް މަގާމުން ކަނޑާ ވައްޓާލާ އަދުރޭ ގައުމުގައިވެސް ނެތީސް އަހާލުމެއްވެސް އަދި މަޝްވަރާއެއްވެސް ކުރުމެއް ނެތިކަމަށާ ދެމެދުގައި ގުޅުން ގާތް ނަމަ އަދި ރަގަޅު ކަމަށް އެހެން އެކަން ރައީސް މުއިއްޒު ނުކުރައްވާނެ ކަމަށް ބުނީ ވެސް ހަމަ އަދުރޭއެވެ.

ރާއްޖޭއިން ބޭރުގައި ހުންނަވަނިކޮށް އާއިލީ މީހުންނާ ގާތް އިތުރު މީހުން މަގާމުތަކުން ދުރުކުރަން ފެށީ ޕަޓަސް ޕަޓަސް ލާފައެވެ. އަދުރޭއަށް ކެތް ކުރެވޭނީ ވެސް ވަކި ވަރަކަށްތާއެވެ. އެނބުރި ރާއްޖެ އައުމުން ރަންވޭ މަތިން ހައިޖެކުކޮށްގެން ގެންގޮސް ދިނީ "ވޯނިން"އެވެ. އެއްވެސް މީޑިޔާއަކަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފި ނަމަ ގޮނޑި ގެއްލުވާލާނެކަމުގެ އިންޒާރެވެ. އެއާއެކު އެއްކަލަ އަނގަ ގަދަ އަދުރޭ ސައިޒަށް ތިރިވެ އެއްވެސް ސުވާލަކަށް ޖަވާބުދޭން ބޭނުން ނޫން ކަމަށް ބުންޏެވެ.

ޕާޓީއިންވެސް އެކަހެރިކޮށް މަގާމުގެ މަސްއޫލިއްޔަތުވެސް މޮހޮނަށް އޮޑި ދިން ހެންދީފައި ބޭއްވިއެވެ. ކެބިންގެ ތަޅު ބަދަލުކޮށް ޕާޓީ އޮފީހަށް ވަނުންވެސް މަނާކުރިއެވެ. އަދުރޭއަށް ޖެހުނީ މަގާމާ ގޮނޑީގެ ދިފާއުގައި ހަނު ހުންނަންށެވެ. އެހާ ހިސާބުން އަދުރޭގެ "ވަރުގަދަ އަޑު" ސިޔާސީ މައިދާނުން މަޑު މަޑުން ފަނޑުވިއެވެ. ކުރިން ރައީސް މުއިއްޒަށް ތައުރީފު އޮއްސަމުން ދިޔަ އެއްކަލަ ބަނަފްސާ މައު މޯޅިވެ ގުރުޑުވިއެވެ.

މިހެން ހުއްޓާ ކުއްލިއަކަށް ސަރުކާރުން ބަހާލި ޕްރޮޖެކުޓުތަކުގެ ތެރެއިން ގިނަ ބައެއް އަދުރޭގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ދިން މަންޒަރު ފެނުނެވެ. އެއާއެކު އެއްކަލަ ސައިލެންޓު މޯޑުގައި ހުރި އަދުރޭގެ އަނގަ އަނެއްކާވެސް ފަޅައިފިއެވެ. މުއިއްޒަށް ތައުރީފުކޮށް އަދުރޭގެ ބަސްތައް ބަރުތީލަ ކުރަން ފަށައިފިއެވެ. ކުރިން ކަންކުރި އިހާނެތި ގޮތް އަދުރޭ ހަނދާން ނެތުނީއެވެ. ނުވަތަ މަނީ މަނީ ޔެސް ސަރވެ އަދުރޭ ކުރިން ވީ ކަންކަން ހަނދާން ނައްތާލީއެވެ. އެހެންޏާ ފަހެ ހަރު ބަހެއްގައި ވެސް އޮވޭތާއެވެ. ހަރުރު ދެންޏާ ބޮޑު ބޭބެއެވެ. ދޯ އަދުރޭއެވެ.


ރައީސް މުއިއްޒަށް ނެތް ތާއީދު އޮތް ކަމަށް ދައްކަން ނުކުންނަން މިއަދު އަދުރޭއަށް ވެސް މަޖުބޫރުކޮށްފިއެވެ. ޕްރޮޖެކުޓުތަކެއްގެ އަޅަކަށް އަދުރޭވެ މުއިއްޒުގެ ނާގާބިލުކަމުގައި ގާބިލުކަމުގެ ދަވާދުލައި އޮފްދާރު ކުރަން އަދުރޭއަށްވެސް މަޖްބުރުވެއްޖެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved