
މި ސަރުކާރުގެ ހުރިހާ ކަމަކަށް ބާރު ފޮރުވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވެފައިވަނީ މުޅި ދައުލަތް އޮޅުން ބޮޅުމެއްގެ ތެރޭގައި ކަމަށެވެ. ހަމަ އެހެންމެ މި ސަރުކާރު ކޮންޓްރޯލު ކުރަނީ ނާޒިމްކަން ދޭހަވަފާ ފަދަ މޭރުމަކުން މަލީހު ވިދާޅުވެފައިވަނީ ދައުލަތުގެ ރިމޯޓް އޮތީ ޑެޕިއުޓީ ސްޕީކަރ ނާޒިމް އަތުގައި ކަމަށެވެ.
މީގެ އިތުރުން އޭނާގެ ބާރު މުޅި ދައުލަތަށް ހިނގާކަން ފާހަގަކުރައްވާ މަލީހު ވިދާޅުވެފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ބޮސްއަކީ ނާޒިމްކަން މިހާރު ހާމަވާ ކަމަށެވެ. އެގޮތުން ނާޒިމް ބޭނުންވާ މީހާ ވަޒީފާއިން ކަނޑާ އަދި އަނބުރާ އެމީހަކަށް ވަޒީފާ ދޭން ބުނަނީވެސް ނާޒިމް ކަމަށް ވިދާޅުވެ މަލީހު ވަނީ މި ދައުލަތް މިހާރު ބޮޑު ޖޯކަކަށްވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމުގައި ހުންނަވަނިކޮށް މަހމޫދު ރިޔާޒު މަގާމުން ވަކިކޮށް އޭގެ ދިހަ ދުވަސް ފަހުން އޭނާއަށް އަލުން މަގާމު ވަނީ ދީފައެވެ. ރައީސް މުއިއްޒު މިގޮތަށް މިކަން ކުރެއްވީ، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އެންގުމަކަށް ކަމަށްވެއެވެ.
241 ކޮމިޓީގެ އެންގެވުމަކަށް ރައީސް މުއިއްޒު އެފަދައިން އަމަލުކުރެއްވިއިރު އެ ކޮމިޓީއަކީ ޕީއެންސީގެ މެޖޮރިޓީ އޮންނަ އަދި އެ ކޮމިޓިގައި ނާޒިމް ވެސް އިންނަވާ ކޮމިޓީއެއް ކަން ފާހަގަކޮށްލެވެއެވެ.
ނާޒިމްއާ ރައީސް މުއިއްޒު އާ ދެބޭފުޅުން އާއިލީ ގޮތުން ގުޅުން އޮންނައިރު ނާޒިމްގެ ނުފޫޒު އިންތިހާއަށް ދައުލަތް ހިންގުމުގެ ތެރެއަށް ހިންގާ ވާހަކައަކީ މި ފަހަކަށް އައިސް ގަދަވެފައިވާ އަޑެކެވެ.










