
ވެރިކަން ކުރާ ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ކުރާ ކަންތައްތައް ހުއްޓުވުމަށް ދިވެހި ފުލުހުން އަބަދުވެސް ތައްޔާރަށް ތިބޭ ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފްގެ) ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ޕީއެންސީއިން ނޮވެމްބަރު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއަށް މާލޭގެ މަގުތަކުގައި ބެނާތަކާއި ޕޯސްޓަރުތައް ހަރުކުރުމަށް މުޅި މާލޭގެ ދުވާރުތައް ހަލާކުކޮށްލާ ކަމަށް ވިދާޅުވެ ފޮޓޯއެއް ޝެއަރ ކުރައްވާފައެވެ.
މީގެ އިތުރުން، ޑރ ޖަމީލް ވިދާޅުވީ މުޅި މާލޭގެ ދުވާރުތައް ހަލާކުކޮށް ޕީއެންސީ ބޭނުން ގޮތަކަށް ކަންތައް ކުރަން ހުއްދަވީ ކޮންގޮތަކުންތޯ ސުވާލުކުރައްވާ ސަރުކާރުގެ ޕާޓީއަށް ވުމުން ބޭނުން ގޮތަކަށް ކަންތައްތައް ކުރުމަށް ހުއްދަ ދެވިގެން ނުވާނެ ކަމަށެވެ.
މިއާއި އެކު އެހެން ޕާޓީތަކުން ބާއްވާ އެއްވުންތަކާއި އެހެނިހެން ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް ތައްޔާރަށް އޮންނަ ކަމަށާއި، ބޮޑެތި ބަޔާންތައް ނެރެމުން އަންނަ އިރު ޕީއެންސީއިން ގާނޫނާއި ގަވާއިދާއި ޚިލާފުވާއިރުވެސް މައްސަލައަކަށް ނުވަނީތޯ ވަނީ ސުވާލު އުފައްދާފައެވެ.
މީގެ ފަހުން އެހެން ޕާޓީތަކުގެ ހަރަކާތްތަކަށްވެސް ހުރަސް ނޭޅުމަށް ޑރ ޖަމީލް ވަނީ ފުލުހުންނަށް ގޮވާލާފައެވެ. އަދި މިއީ ވަކި ބަޔެއްގެ ގައުމެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭނެ ކަމަށްވެސް މި ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.










