ދިވެހިރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއް ނަމަވެސް މިއަދު އެކަންކަން ފަހުމަވަނީ ދައްކާ ދަޅައެއްގެ ގޮތުގައި ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު މަޖިލީސް އިންތިހާބުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ރިފާއީ ބުޝްރީ (ބާއި) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާލާ ޗެނަލް13 އިން ގެެނެސްދޭ ޕީއެންއެފް އަދާހަމައިގައި ވާހަކަ ދައްކަވަމުން ރިފާއީ ވިދާޅުވީ، ގައުމުގެ މިނިވަންކަމާ ސިޔާދަތަކީ މުހިއްމު އެއްޗެއް ނަމަވެސް އެކަން ހިމާޔަތް ކުރަން ސަރުކާރުން ފަހަތު ފަޔަށް ބުރަވާ މަންޒަރު ފެންނަ ކަމަށެވެ.
އިންޑިއާ ސިފައިން ބޭލުމަކީ ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް އެންމެ މުހިއްމުކަންކަމަށް ވިދާޅުވެ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކަތައް ބަދަލުވަމުން އަންނަ މަންޒަރު ފެންނަމުން ދާކަން ރިފާއީ ފާހަގަކުރެއްވިއެވެ.
ނަމަވެސް އިންޑިއާ ސިފައިން ބޭލުމުގެ ބަދަލުގައި ބާލަމުން ގެންދަނީ އެމީހުންގެ ޔުނިފޯމުކަމަށް ވިދާޅުވެ ރިފާއީ ވަނީ ސަރުކާރުން އިންޑިއާ ސިފައިން ބޭލުމަށް ކުރަމުންދާ ކަމަށް ބުނާ މަސައްކަތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.
އެއާރ އެމްބިއުލަންސްގެ ޚިދުމަތް ރާއްޖޭގެ އަމިއްލަ އުޅަނދެއްގައި ދެވެން އޮތްކަމަށްވާނަމަ ކީއްކުރާ އިތުރު އުޅަނދެއްތޯ. އަދި އެ އޮޕަރޭޓުކުރުމުގެ ނަމުގައި ކީއްކުރާ އިތުރު ބޭރުގެ މަދަނީ ބައެތޯ؟ އެހެންވީމަ މަގްސަދަކީ ވަކި ބަޔަކު ވަކި މިންވަރަކަށް މިތަނުގައި ބޭއްތިއްބުން ކަން މީގެން ހާމަވެގެން ދަނީ. އެ ބުނެލާ ބުނެލުމަކީ ރައްޔިތުންގެ ލޯ ކުރިމައްޗަށް ދައްކާލާ ދަޅައެއް.
ރިފާއީ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ އެއްވެސް ިސޔާސަތެއް ހަރުދަނާ ނޫން ކަމަށާ އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވާ ގައުމަށް ފައިދާ ހުރި ނަފާވަނިވި މަޝްރޫއުއާ، ތަރައްގީ ގެނައުމަށް ރައީސް ޔާމީންގެ އިގްތިސޯދީ ހަރުދަނާ ސިޔާސަތުތައް ގައުމަށް ގެނެވޭނީ މަޖިލީހުގެ ތެރެއިން ކަމަށާ އެހެންކަމުން މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ރައްޔިތުން ފުރުސަތު ދިނުން މުހިއްމު ކަމަށެވެ.