ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކާ ނުނިމެނީސް އެތަނުން 15،000 ގޯތި ދޫކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކާ ނިމޭނެކަމަށް ލަފާކުރެވޭ ކަމަށް މުއިއްޒު ވަނީ ބުނެފައިއެވެ.
މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 8 މަސް ދުވަސް ތެރޭ ނިންމާނެކަމަށް ވައުދުވެލެއްވި މަޝްރޫކަންވެސް ފާހަގަކޮށްލެވެއެވެ.
ނަމަވެސް މިހާރު މި މަޝްރޫއުއަށް 2 އަހަރު ފުރެން ގާތް ވެފައި ވާއިރު އަދިވެސް މި މަޝްރޫއަށް ކުލަ ޖެހޭ މަންޒަރެއް ނުފެނެއެވެ.
މިއަދާ ހަމައަށްވެސް މުއިއްޒުގެ ސަރުކާރަށް ރަސްމާލޭގެ މާސްޓާޕްލޭން ރައްޔިތުންނަށް ހާމަކުރެވިފައިނުވާ އިރު، އެތަނާ ގުޅޭ އެތައް ވައުދެއް ވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ރައްޔިތުންނަށް ފޮނި ހުވަފެން ދެއްކުމުގައި ކުރިއަރާފައިވާ މި ސަރުކާރުން އަނެއްކާވެސް މި ފެންނަނީ އިތުރު ފުއްދެން ނެތް ވައުދުތައް ވަމުން އަންނަ މަންޒަރެވެ.