
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެ، ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއްވެ އެ ސިޓީ ފެނަށް ޖެހުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށާއި މިއީ ސަރުކާރުގެ ބޮޑު ފެއިލިއާއެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބޮޑު އާބާދީއެއް ދިރިއުޅޭ ފުވައްމުލަކުގެ ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމާއި ފެނުގެ ނިޒާމުގައި ބޮޑު ލީކެއް އުޅޭތީ ކަމަށް ބުނެއެވެ.
ފައިސަލް ވިދާޅުވީ މިފަދަ ތަރައްގީ ޒަމާނެއްގައި ފުވައްމުލަކު ރައްޔިތުން ސާފު ބޯފެނަށް ޖެހި އެންމެ އަސާސީ ޚިދުމަތުން މަހުރޫމްވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ފައިސަލް ވިދާޅުވީ މިއީ ބޮޑު އިހުމާލެއް ކަމަށާއި ވީ އެންމެ އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށްދެއްވުމަށ ްސަރުކާރަށް ގޮވާލަައިފައިވެއެވެ.
ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބަކީ މައި ހޮޅިއެއްގައި ބޮޑު ލީކެއް އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އަދި އެ ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ









