ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ދާއްބައެއްހެން މުޅި ދައުލަތުގައި ހަން ފަތުރާފައިކަމަށް ވިދާޅުވެ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.
ޗެނަލް13 ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަލީހު ވަނީ މިއަދު ސަރުކާރުގެ ކޮންޓްރޯލު އޮތީ ނާޒިމް އަތުގައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުލުހުންނަށް ވެސް ބިރު ދައްކާ ވަކި ވަކި ކުންފުނިތަކާ މެދު ޒާތީ ތައައްސުބު ބާއްވާ ރައްޔިތުން އުމުރު ދުވަހު ކުރި މަސައްކަތް ފަނުފުލުން ދުއްވާލާ ނާޒިމް ގެންދަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ބޯވައެއް ހެން ަތްކޮށްލައިގެން ހުންނަވާ ކަން ކުރަންވީ ގޮތުގައި އޯޑަރ ރައީސް މުއިއްޒަށް ދެއްވަމުން ކަމަށެވެ.
މަލީހު ވިދާޅުވީ، މުޅި ދައުލަތުގެ ރިޕޯޓު ނާޒިމްގެ އަތަށް ނަގައިގެން ނާޒިމް ގެންދަވަނީ ހިތު ހުރި ގޮތަކަށް ދައުލަތް ހިންގަމުން ކަމަށާ ވަޒީފާއިން ވަިކޮށް ވަޒީފާއަށް އައްޔަންކުރަނީ ވެސް ނާޒިމުގެ ރުހުން ލިބޭ މީހުން ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ނާޒިމް ބުނިހާ ގޮތެއް ހަދައިގެން ރައީސް މުއިއްޒަށް ލިބެމުންދަނީ ގެއްލުން ކަމަށާ ރައްޔިތުންގެ ނުރުހުން އިންތިހާއަށް ރައީސް މުއިއްޒަށް އެފަދަ ކަންކަމުން އަމާޒުވަމުން ގެންދާކަން ވެސް މަލީހު ފާހަގަކުރެއްވިއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމުގައި ހުންނަވަނިކޮށް މަހުމޫދު ރިޔާޒު މަގާމުން ވަކިކޮށް އޭގެ ދިހަ ދުވަސް ފަހުން އޭނާއަށް އަލުން މަގާމު ވަނީ ދީފައެވެ. ރައީސް މުއިއްޒު މިގޮތަށް މިކަން ކުރެއްވީ، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އެންގުމަކަށް ކަމަށްވެއެވެ.
241 ކޮމިޓީގެ އެންގެވުމަކަށް ރައީސް މުއިއްޒު އެފަދައިން އަމަލުކުރެއްވިއިރު އެ ކޮމިޓީއަކީ ޕީއެންސީގެ މެޖޮރިޓީ އޮންނަ އަދި އެ ކޮމިޓިގައި ނާޒިމް ވެސް އިންނަވާ ކޮމިޓީއެއް ކަން ފާހަގަކޮށްލެވެއެވެ.
ނާޒިމްއާ ރައީސް މުއިއްޒު އާ ދެބޭފުޅުން އާއިލީ ގޮތުން ގުޅުން އޮންނައިރު ނާޒިމްގެ ނުފޫޒު އިންތިހާއަށް ދައުލަތް ހިންގުމުގެ ތެރެއަށް ހިންގާ ވާހަކައަކީ މި ފަހަކަށް އައިސް ގަދަވެފައިވާ އަޑެކެވެ.