އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ ދަށު ފަންތި އާއި މެދު ފަންތީގެ މުވައްޒަފުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުކޮށްފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ އެންމެ ދަށު ފަންތިން ފެށިގެން މެދުފަންތިއާ ހަމައިގައި ތިބޭ މުވައްޒަފުން ކަމަށެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު, ކޮރަޕްޝަން ހިންގައިގެން ފަޅައަރާފައިވަނީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކެވެ. އޭގެތެރޭގައި ހުދު އެމަނިކުފާނުވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަވާފައިވާކަމަށް ތުހުމަތުކޮށް އެންްޓި ކޮރަޕްޝަން ކޮމިޝަންގައި އެތައް މައްސަލައެއް އަންނަނީ ބަލަމުންނެވެ.
މި ސަރުކާރުގެ ކުރީގެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ, އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ވެސް ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުކުރެވެއެވެ.
ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ފަޒުލްއަށެވެ. މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް ކަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށެވެ.
ގޯތިތަކުގެ މައްސަލައިގެ އިތުރުން އެޗްޑީސީގައި ހުންނަވާ، މަގާމުގެ ބޭނުންކޮށްގެން އިތުރު ހިޔާނާތްތަކެއް ހިންގި ކަމަށާއި ވިޔަފާރިވެރިންގެ އަތުން ފައިސާ ނަގައިގެން އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމުގެ ތުހުމަތު ފަޒުލްއަށް ކުރެވެ އެވެ.
މި ސަރުކާރުގެ އިތުރު ކޮރަޕްޝަނަަކަށް ނަޒަރު ހިންގާލާއިރު, ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިދިޔަ އަހަރުން ފެށިގެން ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިދިޔަ އޮގަސްޓު މަހު ހާމަކޮށްފައިވެއެވެ.
ޝުޖާއުގެ މައްސަލަ އެމްއެމްއޭ އިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.
އެގޮތުން ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް ސިވެކުން ޖަމާކުރި 13.1 މިލިއަން ރުފިޔާގެ ތެރެއިން އަށް މިލިއަން ރުފިޔާ ހޭދަކުރީ ދެ ހިއްސާދާރުންނަށް ލަގްޒަރީ އެޕާޓްމަންޓް ގަންނަން ކަމަށް އެފްއައިޔޫގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ކުންފުނީގެ ދެވަނަ ހިއްސާދާރަކީ ޕީއެސްއެމް ބޯޑުގައި ހިމެނޭ އަހްމަދު އަދުހަމް އެވެ. އަދި ޖުމުލަ އަދަދުގެ 14.46 ޕަސެންޓް ފައިސާ ޖަމާކުރީ ކުންފުނީގެ އެއް ހިއްސާދާރު ޝުޖާއުގެ އެކައުންޓަށެވެ.
އޮފިޝަލް އިވެންޓްސްގެ 50 ޕަސެންޓް ހިއްސާ އޮންނަނީ ޝުޖާއުގެ ނަން މަތީގަ އެވެ. އޭރު އޭނާ ހުންނެވީ މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ މެންބަރުގެ މަގާމާއި ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ކުއިކް ޝުއާ ރަޖިސްޓްރީ ކޮށްފައިވަނީ ޝުޖާއުއާ ދެބެންގެދެދަރި ކޮއްކޮއެއް ކަމަށްވާ މުހައްމަދު ނާފިޒުގެ ނަންމަތީގަ އެވެ. އޭނާއަކީ މި ސަރުކާރުގެ ޔޫތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކެވެ.
މިހެންގޮސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެ ކޮރަޕްޝަން ހިންގާ ފަރާތްތަކުގެ ބޮޑު ލިސްޓެއް ވެސް ހެދިދާނެއެވެ.
ދާދިފަހުން އެއްވެސް ވަރަކަށް ބިޑުކުރުމެއް ނެތި ސަރުކާރުން ވަނީ 206 ޕްރޮޖެކްޓް ބަހާލާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ޕްރޮޖެކްޓުތައް ހަވާލުކުރީ އަމިއްލަ ކުންފުނިތަަކާކަމަށެވެ. ނަމަވެސް ފެނިގެންދިޔައީ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ނުއަގުގައި ބަހާލި މަންޒަރެވެ.
ކޮރަޕްޝަންގެ އަމަލުތައް ހިންގަވަނީ މެދު ފަންތީގެ މުވައްޒަފުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު އެމަނިކުފާނުގެ ފަސްބައި ވަކި ސާފެއް ނޫނެވެ.