March 15, 2026
Advertisement
-
- / ރައީސް އޮފިސް

އުސޫލުތަކާ ޚިލާފަށް ކަން ކުރާނަމަ ޝަރީފު ފަހަތުން ގާނޫނު ދުވާނެކަން ހަނދާން ކުރަންވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 13, 2025, 12:49 AM
މާލެ ސިޓީ

އުސޫލުތަކާ ހިލާފަށް، ތަނުގެ ބޯޑަށް ނުގެންގޮސް ކަންކަން ކުރަމުން ދިޔުމަކީ ސަރުކާރު ބަދަލުވެއްޖެ ހާލަތެްގައި، ބޭންކް އޮފް މޯލްޑީވްސްގެ ސީއީއޯ މުހައްމަދު ޝަރީފު ފަހަތުން ގާނޫނު ދާނެ ކަމެއްކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ބީއެމްއެލްއަކީ އާންމު ރައްޔިތުންގެ ވެސް ހިއްސާ އޮންނަ ތަނަކަށްވާއިރު، އުސޫލުތަކާ ހިލާފަށް ޝަރީފު ކަންކަން ކުރައްވާ ސަރުކާރު ޕްރޮމޯޓުކުރަމުން ދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ބީއެމްއެލްއަކީ ސަރުކާރުގެ ފައިނޭންސް ޑިޕާޓްމަންޓެއް ނޫން ކަމަށާއި އެ ބޭންކް މިހާރު އޮތީ ބޮޑެތި ޑިޕޮޒިޓަރުން ފައިސާ ނެރޭ ހިސާބުގައި ކަމަށެވެ.

ސަރުކާރަށް ދަރަންޏަށް އެއްވެސް ތަނަކުން ފައިސާ ނުނެގޭތީ ބީއެމްއެލް މެދުވެރިކޮށް އެކި ގޮތްގޮތުން ފައިސާ ހޯދަމުންދާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ޓްރެޝަރީ ބިލުގެ ދަށުން ޓީ ބިލުތައް ގަންނަން ވެސް އޮތީ ބީއެމްއެލް ކަމަށެވެ.

އެއީ އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ތަނެއް. ބޯޑަށް ނުގެންގޮސް މިކަންކަން މިކުރަނީ. ބޭންކް އޮފް މޯލްޑިވްސްގައި މިހާރު ހުރި ޝަރީފަށް އެނގެންވާނެ ސަރުކާރު ބަދަލުވެއްޖެއްޔާ އޭނަގެ ފަހަތުން ގާނޫނު ދާނެ. އެކަމެއް ނުކުރެވޭނެ އޭނައަކަށް. އެއީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފައިނޭންސް ޑިޕާޓްމަންޓެއް ނޫން ބޭންކް އޮފް މޯލްޑިވްސްއަކީ. އެއީ ރައްޔިތުންގެ ބޭންކް އެނގޭތޯ. މިހާރު ބޭންކް އޮފް މޯލްޑިވްސް އިން ބޮޑެތި ޑިޕޮޒިޓަރުން ފައިސާ ނެރޭ ހިސާބުގައި އެ ތިބީ.

ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ބީއެމްއެލް އިން އަންނަނީ ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓު ކުރުމުގެ އިތުރުން، ސަރުކާރު ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކާއި ސަރުކާރުން ބޭނުންވެގެން ހިންގާ ޕްރޮޖެކްޓުތަކަށް އަމިއްލަ ކުންފުނިތަކަށް ވެސް ފައިސާ ހަމަޖައްސައިދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved