ބަޔާން ނެރުމަކީ ރައީސް ކަރާމަތަށް އެރުން ކަމަށް ބުނެ އަނބުރާ ނަގަން އަންގައިފިއެވެ.
ނ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނ. ކނދިކުޅުދޫ ކައުންސިލްއާ ބައްދަލުކުރެއްވި ހަފްލާ ސިޔާސީ ކުރައްވާ ކެމްޕެއިނަކަށް ބަދަލުކުރެއްވި ކަމަށް ބުނެ އެ ކައުންސިލުން ނެރުނު ބަޔާނާ ގުޅިގެން ލޯކަލް ގަވަންމަންޓު އޮތޯރިޓީއިން ވަނީ ކެނދިކުޅުދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.
އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ސޮއި ކުރައްވާ ކެނދިކުޅުދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ތުހުމަތުކޮށްފައި އޮތީ، ރަސްމީ ދަތުރެއްގައި ރައީސް ކެމްޕެއިން ކުރުން ކުށްވެރި ކުރުމަކީ އެމަނިކުފާނުގެ ޒިންމާ އަދާ ކުރަން ކައުންސިލުން ހުރަސް އެޅުން ކަމަށެވެ.
"... ތިޔަ ކައުންސިލުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާ ހިލާފު އިލްޒާމު އަޅުއްވާ ކައުންސިލުން ނޫސްބަޔާން ނެރުމަކީ މި އޮތޯރިޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް،" އެ ސިޓީގައި ބުނެފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރަނީ ޕަޕެޓުތަކެއް ކަމަށާއި ސަރުކާރުން ކުރާ ކަންކަމުގައި އެއްބާރުލުން ދޭނެ މަޖިލީހެއް ހޮވައިދޭން އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
"ޖޯއިސްޓިކް އޮތީ އެހެން ފަރާތެއްގައި. އެ ޖޯއިސްޓިކް އަނބުރާ ގޮތަކަށް، ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން. މިއީ ހަގީގަތް. މިއަށް ލޯ މަރައިލެވޭނެ ގޮތެއް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "އެހެންވީމާ، މިކަންކަން އަޅުގަނޑުމެންނަށް ބާރު ސްޕީޑްގައި ގެންދިޔުމުގެ އެހީތެރިކަން ދޭނެ ރައްޔިތުންގެ ފަޅީގައި ތިބޭ، ރައްޔިތުން ހޮވި ސަރުކާރުން ކުރާ ކަންކަމުގައި ރައްޔިތުންނަށްޓަކައި މަގުފަހިކޮށްދޭނެ ރައްޔިތުންގެ މަޖިލީހެއް ހޮވައިދިނުމަކީ އަޅުގަނޑު އެދޭ އެދުމެއް."
ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރަސްމީ ދަތުރެއްގައި އެމަނިކުފާނު އެ ރަށަށް ވަޑައިގަންނަވާ ކަމަށް އެންގުމުން އެކަމުގެ ތައްޔާރީތައްވެފައި އޮއްވައި، ވަޑައިގެން ބޭއްވި ޖަލްސާގައި ކުރެއްވީ ކެމްޕެއިން ކަމަށެވެ.
ނަމަވެސް އެ ހަފްލާގެ ވަކި ހިސާބަކުން ރައީސާއި އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބުު މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް ބަދަލުވެގެން ދިޔަކަން އެ ކައުންސިލުން ފާހަގަކޮށް އެކަން ކުށްވެރިކޮށް ބަޔާން ނެރެފައިވެއެވެ.
ކައުންސިލުގެ ބަޔާނުގައި ރަސްމީ ތައްގަނޑު ޖަހާފައި އޮތް ނަމަވެސް މީހަކު ސޮއިކޮށްފައި ނެތުމުން އެ ބަޔާނުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް އެލްޖީއޭއިން ބުނެފައިވެ އެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެންމެ ފަހުން ނެރުނު ދެ ނޫސްބަޔާނުގައި ވެސް މީހަކު ސޮއިކޮށްފައެއް ނެތެވެ.
އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އެންގީ ހޯމަ ދުވަހުގެ 2:00 ގެ ކުރިން އެ ކައުންސިލުން ނެރުނު ބަޔާން ބާތިލުކޮށް އެ އިދާރާއަށް އެކަން އެންގުމަށެވެ.