ކަންނެލި މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނެ ކަމަށް މި ސަރުކާރުގެ މެނިފެސްޓީގައި ހިމަނާ، ވައުދުތައްވެ މިއަދާހަމައަށްވެސް މި ވައުދުތައް ފުއްދިފައިނުވާތީ ކަންނެލި މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރަން ނިންމައިފިއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ޔޫނިއަންއަކީ ބޮޑު ކަންނެލި މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވާ ދެމެހެއްޓުމަށް އުފެދިފައިވާ ޔޫނިއަންއެއް ކަމަށާއި މި ޔޫނިއަން އިން ދެކޭ ގޮތުގައި ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިނުދެވޭނަމަ މި ސިނާއަތް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ.
ސަރުކާރުގެ އެކި ފަރާތްތަކާއި މިހާރުވެސް މަސައްކަތް ކުރަމުން އަންނައިރު އެއްވެސް ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ޔޫނިއަންގެ މެންބަރުން ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ މަސްކުންފުނިން ކަންނެލިގަނެ، އެކްސްޕޯޓްކޮށް މާކެޓްކުރުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާއި، މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވޭނެ މަގަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމާއި މަސްވެރިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަކީ ކަންނެލި މަސްވެރިކަމުގެ ސިނާއަތް އެތައް ގޮތަކުން ކުރިއަރާ ދާނެ މަގެއްކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ސަރުކާރުން ކަންނެލި މަސްވެރިންނަށް ގިނަ ވައުދުތަކެއް މެނިފެސްޓޯގައި ހިމަނާ މަސްވެރިންގެ ބޮޑު ތާއީދާއިއެކު ވެރިކަން ހޯދިކަމީ ދެބަސްނުވެވޭނެ ހަގީގަތެއްކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މި ވައުދުތައް އޭރު ވި ގޮތަށް އެއްވެސް ކުރިއެރުމެއް ނުލިބި ވާތީ އެކަމާ ހިތާމާކުރާކަމަށްވެސް ބުނެފައިވެއެވެ.
މިއާއިއެކު މި ކަންކަމަށް ހައްލު ހޯދުމަށް ޑިސެމްބަރު 10 ވަނަ ދުވަހު ބާއްވާ އެ ޔޫނިއަންގެ އަހަރީ ބައްދަލުވުމަށްފަހު ކަންނެލި މަސްވެރިންގެ ހައްގުގައި އަޑުއުފުލާ އިހުތިޖާޖުކުރުމަށް ނިންމާފައިވާތީ ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.