theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
އިހުތިޖާޖެއް ނުހުއްޓާނަން، މުއިއްޒާއި ޝިޔާމް ހަދަނީ ހުސް ދޮގު: މަސްވެރިން
Yana Shareef
ޔާނާ ޝަރީފް
13 ޑިސެމްބަރު 2025

ބޮޑު ކަންނެލި މަސްވެެރިންނަށްވީ ވައުދުތައް ނުފުއްދޭނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް އިސްތިއުފާދިނުމަށް މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން ގޮވާލައިފި އެވެ.

މަސްވެރިންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިހުތިޖާޖުގައި ބައިވެރިވާ ދޯންޏެއްގެ ކެޔޮޅު ބުނީ މަސްވެރިންނަށްވީ ވައުދުތައް މި ސަރުކާރުން ފުއްދާނެ ކަމަށް މިހާރު ގަބޫލު ނުކުރާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަސްވެރިން ވަނީ މިނިސްޓަރު ޝިޔާމުގެ އިސްތިއުފާއަށް ގޮވާލައި އަޑު ވެސް އުފުލައިފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޝިޔާމު މިނިސްޓަރުކަމުން އިސްތިއުފާ ނުދެއްވާނަމަ، އޭނާ އެ މަގާމުން ވަކިކުރުމަށް ވެސް ގޮވާލައިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް، އިމްރާން މުހައްމަދު ވިދާޅުވީ ޝިޔާމް މަސައްކަތް ކުރައްވަނީ ބޮޑު ކަންނެލި މަސްވެރިކަން އެއްކޮށް ހަލާކުކޮށްލުމަށްފަހު ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދެއްވަން ކަމަށެވެ. އަދި، ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރެއްވުމަކީ ބޮޑު ކަންނެލި މަސްވެރިން ދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަންނެލި ދޯނިފަހަރުގައި އުޅޭ ބިދޭސީން ހައްޔަރުކޮށްގެން ގެންދަނީ މަސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ނަމަވެސް، މަސްވެރިންނަކީ އެއަށްވުރެ މާ ހިތްވަރު ގަދަ ބައެއް ކަމަށާއި އެގޮތަށް އަދި ބިރުދެއްކިޔަސް އިހުތިޖާޖު ހުއްޓައިނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިން އިހުތިޖާޖު ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ކުރަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved