ޕާކިސްތާނުގެ ސިފައިންގެ ވެރިޔާގެ ބާރުތައް އިތުރުކޮށް، މުޅި އުމުރު ދުވަހުގެ ގާނޫނީ އިމްތިޔާޒު ދިނުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
އިއްޔެ ޕާކިސްތާނުން ފާސްކުރި 27 ވަނަ ގާނޫނު އަސާސީގެ އެ އިސްލާހުގެ ސަބަބުން އެންމެ ބޮޑަށް ފައިދާ ކުރާނީ ޕާކިސްތާނުގެ ޑިފެކްޓޯ ވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ ވެރިޔާ އާސިމް މުނީރަށެވެ.
މި އިސްލާހުގެ ދަށުން މުނީރަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި ޖިނާއީ ދައުވާތަކުން ދާއިމީ ރައްކާތެރިކަން ލިބުމުގެ އިތުރުން، އަލަށް އުފެދުނު ޗީފް އޮފް ޑިފެންސް ފޯސަސްގެ މަގާމަށް ޕްރޮމޯޓްވެ، ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ވެސް ސުޕަވައިޒް ކުރުމުގެ ބާރު ހިމެނެއެވެ.
މި އިސްލާހުގެ ސަބަބުން ޕާކިސްތާނުގެ ޝަރުއީ ދާއިރާގައި މިނިވަންކަމުގެ ތަސައްވުރު މުޅިން ނައްތާލެވޭ ކަމަށާއި، މިކަމުގެ ސަބަބުން ޕާކިސްތާނުގައި އުމުރު ދުވަހުގެ ހުދުމުހުތާރު ވެރިކަމެއްގެ ގާއިމުކުރުމުގެ މަގު ފަހިވާނެ ކަމަށް ބުނެ ކަމާއި ބެހޭ ބައެއް މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނުން ހަމައެކަނި ވާނެ ކަމަކީ އަސްކަރީ ވެރިކަން ގާއިމުވުމާއި ޕާކިސްތާން އިތުރަށް ހުރިހާ ގޮތަކުން ވެސް ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ގެންދިއުން ކަމަށެވެ.