ޕީއެންސީ އަށް ދެ އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާއަށް ހެންވެއިރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން ރައްޔިތުން ރުޅިގަދަވެއްޖެެއެވެ.
ޕީއެންސީން ޖަލްސާ ބޭއްވި އާޓިފިޝަލް ބީޗް ވަށައިގެންވާ ގިނަ މަގުތަކެއް ހުކުރު ދުވަހުގެ އިރު އޮއްސި ހަޔަކުން ފެށިގެން ބަންދުކޮށްފައިވަނީ ޖަލްސާގެ ކަންކަން ނިމެންދެންނެވެ.
މިކަމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި ގިނަ ދަތިކަމެއް ކުރިމަތިވެފައިވާއިރު، އާންމު ރައްޔިތުންނަށް ވާނެ އުނދަގޫތަކަކަށް ބެލުމެއް ނެތި މިފަދަ ބޮޑު ސަރަހައްދެއް ބަންދުކުރީ ކޮން އުސޫލަކުންތޯ ގިނަ ފަރާތްތަކަކުން ސުވާލު އުފައްދަމުންދެ އެވެ.
ފުލުހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން ހުކުރު ދުވަހުގެ 18:00ން ފެށިގެން އެ ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އެގޮތުން ޖަލްސާ ކުރިއަށްދާއިރު، ސަލްމާން މިސްކިތުން ފެށިގެން ޒިތޫނީ ކެފޭއާ ހަމައަށް ބޮޑުތަރުފާނު މަގަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެހެން ވަނީ ބަންދުކޮށްފަ އެވެ.
މީގެއިތުރުން ހެންވޭރު ޕެޓްރޯލް ސްޓޭޝަނުން ފެށިގެން ރާޅުގަނޑު ސަރަހައްދާ ހަމައަށް އަދި މަޖީދީ މަގާއި ސޯސަން މަގު ބެދޭ ކަންމައްޗާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަގުތަކަށް ހަތަރުފުރޮޅުލީ އުޅަނދުތައް ވަނުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ކުރިން އެންގުމަކާ ނުލާ އެމްޓީސީސީ ގެ ފަރާތުން ހުޅުމާލެއިން މާލޭގެ ކާނިވާ ސަރަހައްދު ރޫޓުގެ ބަސް ހިދުމަތްތައް ވެސް ވަނީ ހުކުރު ދުވަހު އިރު އޮއްސި ހަޔަކުން ފެށިގެން މެދުކަނޑާލާފަ އެވެ. އަދި ބަސް ހިދުމަތް އަލުން އަނބުރާ ދެވެން ފެށޭނެ އިރެއް ވެސް އަންގާފައެއް ނުވެއެވެ. މިކަން އެމްޓީސީސީގެ ފަރާތުން ރާއްޖެ އެމްވީއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވެސް ވަނީ ވިދާޅުވެފަ އެވެ. އަބްދުއްރަހްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަ ވެސް އަޑުއިވިފައިވާ ކަމަށެވެ.