މޯލްޑިވްސް 2.0 އަކީ ޑިޖިޓަލައިޒް ކުރުންކަަމަށް ބުނި ނަމަވެެސް އޭޓީއެމް ބެހެއްޓުން ބޮޑުކަމަށް ހަދައިގެން އަނެއްކާވެސް 70 ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ މާޗްމަހާއި ހަމައަށް ދާންވާއިރަށް އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމް ބެހަށްޓައިދެއްވާނެ ކަމަށެވެ. އެ އޭޓީއެމްތައް ބެހެއްޓުމުގައި ބަލާނީ ޓޫރިސްޓު ގެސްޓް ހައުސްތައް އަޅާފައިވާ 150 އެނދަށްވުރެ ގިނައިން ހިދުމަތްދޭ ރަށްތަކާއި އާބަން ސެންޓަރުތަކާއި އާބާދީއަށް ބަލާއިރު 2000 އަށްވުރެ އާބާދީ ގިނަ ހުރިހާ ރަށްތައް ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކުރުން ކަމަށެވެ.
މިހާތަނަށް މި ސަރުކާރުން ވަނީ އައްޑޫ ސިޓީ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި ސިޓީ، ކ. މާފުށި އަދި އއ. ތޮއްޑޫ އަދި ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމް ގާއިމްކޮށް ހިދުމަތްދޭން ފަށާފައެވެ.
ސަރުކާރުން މާ މޮޅުކަމަކަށް ހަދައިގެން ބެހެއްޓި ގިނަ އޭޓީއެމްތަކުން ހިދުމަތް ނުލިބޭކަމުގެ ޝަކުވާ ގިނަވެފައިވާވަނިކޮށް އަނެއްކާވެސް ޕީއެންސީގެ ޖަލްސާގައި 70 އޭޓީއެމް ބަހައްޓާނެކަމަށް މުއިއްޒު މި ވަނީ ވިދާޅުވެފައެވެ.
އޭޓީއެމް ބެހެއްޓުމަށް ބޮޑު ޚަރަދެއްކޮށްގެން އޭގެން އެދެވޭ ނަތީޖާއެއް ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.