March 16, 2026
Advertisement
.
. / މަޖިލިސް

މި ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވިކަމަށް ބުނެ ޕީއެންސީ މެމްބަރު އަލީ މޫސާ ދޮގު ހަދައިފި

Yana Shareef
ޔާނާ ޝަރީފް
Nov 17, 2025, 02:13 AM

މި ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވި ކަމަށް ވިދާޅުވެ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ދޮގު ހައްދަވައިފި އެވެ.

Advertisement

ބަޖެޓު ބަހުސްގައި ބަހުސް ކުރައްވަމުން އަލީ މޫސާ ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ރާއްޖެ އޮތީ މާލީ ގޮތުން އަނދަވަޅެއްގައި ކަމަށެވެ. އެ ހާލަތުން މިއަދު އަރައިގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން އައި އިރު ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ ބީ ޕްލަސް. ނަމަވެސް، އެމްޑީޕީ ސަރުކާރު ނިމުނުއިރު، 2023 ގައި ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ ޓްރިޕްލް ސީ, ނަމަވެސް މިއަދުގެ ކްރެޑިޓް ރޭޓިން އަކީ ޑަބަލް ސީ, އެހެންވީމަ ކުރިއެރުންތަކެއް ހޯދަމުން އަންނަތަން ފެންނަކަމަށް އަލީ މޫސާ ވިދާޅުވިއެވެ.

ޓްރިޕަލް ސީ އަށް ރާއްޖޭގެ ރޭޓިން ދަށްކުރީ ރައީސް މުއިއްޒުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޖޫން މަސްތެރޭގަ އެވެ. އޭގެ މަހެއް ފަހުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ފިޗުން ރާއްޖޭގެ ރޭޓިން ޑަބަލް ސީއަށް ދަށްކުރި އެވެ. އަދި މި އަހަރުގެ ޖޫން މަހުން ފިޗުން އެ ރޭޓިން ހިފެހެއްޓި އެވެ.

އަލީ މޫސާ ވިިދާޅުވިހެން މިހާރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޑަބަލް ސީ ގަ އެވެ. ނަމަވެސް އެއީ އޭނާ ފުރަތަމަ ވިދާޅުވި ޓްރިޕަލް ސީ ރޭޓިން އަށްވުރެ ދަށް ރޭޓިން އެކެވެ. އެއީ ކުރިއެރުމެއް ނޫނެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ ރޭޓިން އެޖެންސީ މޫޑީސް އިން ވެސް މި ސަރުކާރު އައި ފަހުން ރޭޓިން "ޖަންކް" ދަށްކުރި އެވެ. އެއީ ހަމަ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އަހަރު ކުރީކޮޅު އެ ރޭޓިން ވަނީ ދަމަހައްޓައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved