މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެރެވެ. ކޮންމެ ދުވަހަކުހެން މަސްވެރިކަން ކުރުމަށްޓަކައި ރާއްޖޭގެ ކަނޑުގެ އެކި އެކި ސަރަހައްދު ތަކުގައި ދިވެހި މަސް ދޯނިތަކުން އުޅެއެވެ.
މިދޭތެރެއިން އެންމެ އަޑުހަރުކޮށް ދެކެވުނު އެއްވާހަކައަށް އަލިއަޅުވާލާނަން. އާދައިގެ މަތިން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރުމަށްޓަކައި އުޅުނު މަސްދޯންޏަކަށް އަވައްޓެރި ގައުމުގެ ކޯސްޓްގާޑް ސިފައިން ހަތިޔާރާ އެކުގައި އަރައި ވަނީ އެތައް ގަޑިއިރެއް ހަރަކާތްތެރިވެފައެވެ. އެމީހުން އެ ދޯނިތަކަށް އެރި ސަބަބެއް އަދިވެސް ހާމައެއް ނުވެއެވެ.
ރާއްޖޭގެ ފަރާތުން ސަބަބު ބަޔާންކޮށްދިނުމަށް އެދި ގައުމަށް ފޮނުވި ސިޓީގެ ޖަވާބުގައި އަދިވެސް އެއްވެސް ސިޓީ އެއް އެ ގައުމުން ފޮނުވާފައިނުވެއެވެ. މިކަން މިހެން އޮއްވާ ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ފަޅާލި ވާހަކަ އަކުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. މާރިޔާ އަށް ކިޔުނު ނުކިޔުނުވެސް ނޭނގޭނެކަން ޔަގީނެވެ. އެހާވެސް ބާރުލައިފި މި ވިދާޅުވީ އިންޑިޔާގެ ސިފައިން އެ ދޯނިތަކަށް އަރަން މަޖުބޫރުވީ ކަމަށެވެ. މަޖުބޫރުވި ސަބަބަކަށް ދެއްކެވިީ ތާކުންތާކުން ނުޖެހޭވަރުގެ ސަބަބެކެވެ. މާރިޔާ ވިދާޅުވި ރާގުގައި ވިދާޅުވާ ނަމަ އެ ސިފައިން އެ ދޯނި ތަކަށް އަރަން ޖެހުނީ އެމީހުން ރާއްޖެއަށް ގުޅައިގެން ފޯނު ނުނަގައިންނެވެ. ދެން ފޯނު ނަގާނެ މީހެއް ނެތްވާހަކަ މާރިޔާ ފާހަގަކުރެއްވިއެވެ. ސުވާލަކީ އިންޑިޔާ އާއެކު އެފަދަ އެއްވެސް ގުޅުމެއް ރާއްޖޭން ބާއްވަން ބޭނުން ނުވާއިރު އެ ގައުމުން އެފަދަ ގުޅުމެއް ގަދަ ބާރުން ބާއްވަން ޖެހޭތޯއެވެ.
އިންޑިޔާއިން އަދިވެސް އެ ސިޓީގެ ޖަވާބު ދީފައި ނުވާއިރު ދެން ޖަވާބު ނުދިނޭ ކިޔާފައި ރާއްޖޭގެ ސިފައިންވެސް ގޮސް އެ ގައުމުގެ ކަނޑުގައި ހުރި ބޯޓު ތަކަށް އަރަންވީހެއްޔެވެ. މިއީ ދެން އަޖައިބެއް ފަދަ އަރަތެއް ކަހަލަކަމެކެވެ. މާރިޔާމެން ކޮންމެ ދުވަހަކު އިންޑިޔާގެ ޓީވީތަކަށް އަރައިގެން ދައްކާ ނުދައްކާ ވާހަކައެއް ނޭނގެއެވެ. އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ވައްޓާލުމަށްޓަކައި މާރިޔާ ނުކުރަނީ ކީއް ކަމެއް ވެސް ނޭނގެއެވެ. އެ ގައުމާއެކު ސިއްރު އެއްބަސްވުންތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހެދި އިރު ކައިރީގައި ހިތްވަރު ދޭން ހުންނެވީ ވެސް މިބުނާ މާރިޔާ ދީދީއެވެ. ރާއްޖޭގެ އެކި އެކި ސަރަހައްދުތަކަށް އިންޑިޔާގެ ސިފައިން ގެނެސް ބައިތިއްބައިގެން ދެ އަތް އުރާލާއިގެން ހުންނެވީ ވެސް ހުދު އެކަމަނާއެވެ.
މިއަދުގެ ސަރުކާރަށް އިންޑިޔާ ސިފައިންނެއް ނުބޭލުނޭ ކިޔާފައި މާރިޔާ އަނގަފުޅާ ކުރަން ލަދު ގަންނަން ޖެހޭނެއެވެ. މާރިޔާގެ ސަބަބުން ދިމާވި ކަންކަމެވެ. ދޮގަކަށް ނުވާނެއެވެ. އިންޑިޔާގެ ސިފައިންނެއް ނުތިބޭނޭ ކޮބާހޭ އިންޑިޔާގެ ސިފައިން ކިޔާފައި ޕޯޑިއަމްތަކުގައި ހަޅޭލެވީ ހަމަ މާރިޔާ ދީދީއެވެ. މިއަދު މާރިޔާ އެކަން ހަނދާން ނެތުނަސް ދިވެހި ރައްޔިތުންނެއް ހަނދާން ނައްތާނުލާނެކަން ކަށަވަރެވެ.
ދެފަހަރު ދެ އަނގައިން ވާހަކަދެއްކެވީވެސް ހުދު މާރިޔާއެވެ. ނުތިބޭނޭ ބުނި އިންޑިޔާގެ ސިފައިން އެބަތިބި ކަމަށްވެސް އެއްބަސްވިއެވެ. ދެން އެމީހުން މި ގައުމުން ބޭލުމަށް ރައްޔިތުން ގޮވުމުން ވިދާޅުވީ ރާއްޖެއަށް ބިހާއި، ހަކުރާ، ހަނޑުލާ، ފިޔާ ފަދަ ތަކެތި ލިބެނީ އެ ގައުމުގެ ސަބަބުންކަމަށެެވެ. އެ ގައުމުގެ ސިފައިން އަނބުރާ ފޮނުވާލާފިއްޔާ އެ ގައުމާއެކު އޮންނަ ގުޅުން ހީނަރުވެދާނެ ކަމަށްވިދާޅުވެ މަތިމަތިން ބަހަނާވެސް ދެއްކެވި ހަނދާން އަދި ދިވެހިރައްޔިތުންގެ ހަނދާނަކުން ނުފިލާނެއެވެ.
މާރިޔާއެވެ. ދެން މާރިޔާ އަށް ފޯނު ނުނެގިއްޖެ ހާލަތެއްގައި އިންޑިޔާގެ ސިފައިން ވީ މާރިޔާ ދިރިއުޅުއްވާ ގެކޮޅަށް އަރަން ހެއްޔެވެ؟ މިއީ ބުއްދި ގަބޫލުކުރާ ފަދަ ވާހަކަތަކެއް ނޫނެވެ. ފޯނު ނުނަގައިން އިންޑިޔާ ސިފައިން އެރީ އޭ ކިޔާފައި ދެންވެސް ވާހަކައެއް ދައްކަންޏާ ވިސްނާލާފައި ވާހަކަދެއްކުން ބުއްދިވެރިވާނެއެވެ.