
މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައާ ސީރިއާގެ ދާޚިލީ ހަނގުރާމައާ ގުޅުވާ ދިވެހިންނަށް ލަދުވެތިވާނެ ގޮތަކަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި ވާހަކަ ދައްކައިފިއެވެ.
އިންޑިއާގެ އިއަންސް ނޫސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި މާރިޔާ ވަނީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރަށް ނަޒަރު ހިންގާލަމުން، ހަނގުރާމަ ގަދަވެގެން ދިޔަ ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހިން އެ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިޔުމަކީ އޭރުވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ބުނެފައެވެ. އަދި އޭގެ ސަބަބުން ހަނގުރާމައަށް ދިޔަ އާއިލާތަކުގެ އަންހެނުންނާއި ކުޑަކުދިންނަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށް، ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިހާރު މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިގެން އުޅޭއިރު، އުއްމީދަކީ، އެހެން ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް ދިވެހިން ރާއްޖެއިން ބޭރަށް ނުދިއުން ކަމަށް މާރިޔާ ބުނެފައެވެ.
އޭނާ ވަނީ އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ އުފެދިފައިވާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި، ދިވެހިން މިފަދަ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ބުނެފައެވެ.
ސީރިޔާއަށް ދިވެހިން ހަނގުރާމައަށް ދިޔަ ވާހަކަ އަލުން ނަގައިގެން މާރިޔާ ދެއްކުމުގެ މަގްސަދަކީ ކޮބައިކަން ނޭނގޭއިރު މާރިޔާގެ މި ވާހަކަތަކުން އަނެއްކާވެސް ރާއްޖޭގެ އަގު ބައިނަލް އަގްވާމީ މަސްރަހުގައި ވެއްޓިގެން ދާނެ ކަމަށާ ދިވެހިން ލަދުވެތިކަމާ ކުރިމަތިލާން ޖެހިދާނެ ފަދަ ކަމަށްވެއެވެ.
އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގެ އަގު އެހެން ގައުމުތަކުގެ ކުރިމަތީ ވެއްޓޭ ފަދަ ވާހަކަ ދައްކާ ޕާޓީއެއް މީގެ ކުރިންވެސް ހާމަވެފައިވެއެވެ. އެގޮތުން ޟާރިޔާ ވަނީ ޑިފެންސް މިނިސްޓަރުކަމުގައި ހުރެ އިންޑިއާ ކުރި ދަތުރެއްގައި، އިންޑިއާއިން ބޭނުން ނަމަ ރާއްޖެ އަރާ ރާއްޖެ ހިފޭނެކަމަށް ގަބޫލުކުރާ ކަމަށްވެސް ބުނެފައެވެ.










