2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓަކަށް އުޅުއްވި ޕީއެންސީގެ ސެނެޓު މެންބަރު، އިބްރާހިމް ސަނާހު (ސަންޓޯ) އެ ޕާޓީން ވަކިވެއްޖެ އެވެ.
ފޭސްބުކްގައި ސަންޓޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ސެނެޓު މެންބަރުކަމުންނާއި އެ ޕާޓީގެ މެންބަރުކަމުން މިއަދުން ފެށިގެން ވަކިވެއްޖައިން ކަމަށެވެ. އެ ޕޯސްޓުގައި ރައީސް މުއިއްޒު އާއި ޕީއެންސީގެ ރަސްމީ އެކައުންޓު ވެސް ޓެގު ކޮށްފައިވެ އެވެ.
ޕީއެންސީގެ މެންބަރުކަމުން ސަންޓޯ ވަކިވި ސަބަބު އަދި ސާފުވެފައިނުވެއެވެ.
ސަންޓޯއަކީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ބޭފުޅާ އެވެ. އެ ދާއިރާގެ ޕްރައިމަރީ އޭނާ ކާމިޔާބު ކުރެއްވި ނަމަވެސް، އެ ދާއިރާ ޕީއެންސީ ޓިކެޓު މުއިއްޒު ދެއްވީ އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލެއްވި، އެ ދާއިރާގެ މިހާރުގެ މެމްބަރު، އަހުމަދު ރިޔާޒު އަށެވެ.
ޕީއެންސީގަ ސަންޓޯއާ ދެމެދު ފުރަތަމަ ނުތަނަވަސްކަމެއް އުފެދުނީ އެ ސަބަބާހުރެ އެވެ. ޕީއެންސީގެ ޕްރައިމަރި ކާމިޔާބު ކުރައްވާފައި ވަނިކޮށް، އަމިއްލަ ކެންޑިޑޭޓަކަށް މުއިއްޒު ތާއީދުކޮށް، ތިމަރަފުށީގައި ހުންނަ ޕީއެންސީ ޖަގަހަ ރިޔާޒުގެ ކެމްޕޭނަށް ބޭނުން ކުރަން ފެށުމުން އެކަމާ ދެކޮޅަށް ސަންޓޯ އޭރު މުޒާހަރާ ވެސް ވަނީ ކޮށްފައެވެ.
ސަންޓޯ ޕީއެންސީން ވަކިވިއިރު ސަންޓޯ ފަދައިން މުއިއްޒު ވެރިކަމަށް ގެނެއުމަށް މަސައްކަތް ކޮށްދެއްވި އެތައް ބަޔަކު އަންނަނީ ޕީއެންސީން ވަކިވަމުންނެވެ.