theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
މިދިޔަ ސަރުކާރުން ޕްރިޒަންސްއަށް ދޭން ކަނޑައެޅި ފްލެޓުތަށް ނުދީ އައު ލިސްޓުގައި ވެސް ނުހިމެނުމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި
Yana Shareef
ޔާނާ ޝަރީފް
19 ނޮވެމްބަރު 2025

ކުރީގެ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި 1000 ފްލެޓުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ކަނޑައެޅި ފްލެޓުތައް ނުލިބޭތީ އާއި މި ސަރުކާރުން އިއުލާނު ކުރި ފްލެޓު ވެސް ނުލިބޭތީ އެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބުނުގޮތުގައި ކަރެކްޝަންސްގެ މުވައްޒަފުން ވަނީ އެ ކަންބޮޑުވުން ކަރެކްޝަންސްގެ ކޮމިޝަނަރު ވެސް އިންނަވާ ގްރޫޕެއްގައި ހިއްސާކޮށްފަ އެވެ.

ބައެއް މުވައްޒަފުން ބުނީ މި މަހުގެ 11 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އައު ހެޑްކުއާޓާސްގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް މުވައްޒަފުން ދިޔައީ އެމީހުންނަށް މުސާރައިގެ ކުރިއެރުން ލިބުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމުގެ ފޮނި އުންމީދުގައިކަމަށެވެ.

އެ ދުވަހުގެ ޖަލްސާއިން ކަރެކްޝަންސްގެ އޮފިސަރުންނަށް އެއްވެސް އުއްމީދެއް ނުލިބުމުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެއެވެ.

މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި ކޮމިޝަނަރު ޒަރީރު ލިޔުއްވާފައި ވަނީ މިދިޔަ ސަރުކާރުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ދޭން ކަނޑައެޅި 100 ހައުސިން ޔުނިޓާ ބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށް ހޯމް މިނިސްޓްރީ އަށާއި ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އަދި އެޕޯލޯއިން އަޅާ ޓަވަރުތަކުގެ މަސައްކަތް އަދި ނިމުމަކަށް އައިސްފައި ނުވާތީ އެ ތަންތަނުން ކަރެކްޝަންސްގެ އޮފިސަރުންނަށް ބޯހިޔާވަހިކަން ލިބޭނެކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުވާ ކަމަށް ޒަރީރު ލިޔުއްވާފައިވެ އެވެ. ޒަރީރުގެ ވާހަކަތަކާ ގުޅިގެން ބައެއް މުވައްޒަފުން ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަދައްކާފައިވެ އެވެ.

އެއާއެކު ޒަރީރު ވަނީ އެގޮތަށް އެ ގްރޫޕުގައި ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ ވަރަށް ރުޅި އިސްކުރައްވައި ވާހަކަދައްކަވައިފަ އެވެ. އަދި ބައެއް އޮފިސަރުންނަށް ފޯނުން ގުޅުއްވައި ވެސް ހަރުކަށިކޮށް ޒަރީރު ވާހަކަދެއްކެވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޒަރީރުގެ އެ ވާހަކަތަކަށްފަހު، މި ހަފުތާގައި އިއުލާނުކުރި މި ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސްކީމުގެ ދަށުން ވެސް ފްލެޓު ލިބޭ މުއައްސަސާތަކުގެ ތެރޭގައި ކަރެކްޝަންސް ނުހިމެނޭތީ އެ މުއައްސަސާގެ ބައެއް އޮފިސަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved