March 16, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

މި ސަރުކާރަކީ އޮފުދާރު ސުރުޚީތަކުން ހިނގާ ސަރުކާރެއް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 21, 2025, 06:58 PM
މާލެ ސިޓީ

މިހާރުގެ ސަރުކާރަކީ އޮފުދާރު ސުރުޚީތަކުން ހިންގަވާ ސަރުކާރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ސިލްސިލާ ޓައުން ހޯލް ޖަލްސާތަކުގެ ތެރެއިން ރޭ އެ ޕާޓީއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އެންމެ ފުރަތަމަ ވަޑައިގެން ގައުމު ހިންގެވުމުގެ ބަދަލުގައި މުއިއްޒު މަސައްކަތް ކުރެއްވީ ހުރިހާ ބާރެއް އޭނާގެ މުށުތެރެއަށް ލުމަށް ކަމަށެވެ.

މިގޮތުން، އެންމެ ފުރަތަމަ ކަމަކަށް ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބަދަލުކޮށް މަޖިލިސް މުއިއްޒުގެ އަތް ދަށަށް ގެނެސްފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ދިވެހިން "އޮޅުހިޔާ" ސިފަކުރަނީ އެއީ މުއިއްޒު ބޭނުންހާ ގޮތެއް ހަދަން ދީގެން ތިބޭ ތަނަކަށްވާތީ ކަމުގައި ކަމަށްވެސް ރައީސް ޔާމީނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއާއިއެކު ޚުދު މުއިއްޒުވެސް މަޖިލީހަށް އޮޅުހިޔާގެ ނަމުން ވާހަކަދައްކަވާ ކަމުގެ މައުލޫމާތު އިތުބާރު ހިފޭ މަސްދަރަކުން ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުރަތަމަ މި ކުރިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުވެތިކުރީ. އެހެންވެ އެތަނަށް އޮޅުހިޔާ ކިޔަނީ. އަޅުގަނޑު އަޑު އަހާ ގޮތުން ވެއްޖިއްޔާ މުއިއްޒު އެންމެ ކައިރި މީހުން ކައިރީ ވާހަކަދައްކަވާއިރުވެސް އެތަނަށް ރިފަރ ކުރައްވަނީ އޮޅުހިޔާ ކުދިންކޮޅު.

ރައީސް ޔާމީން ވިދާޅުވިއެވެ.

މިއާއިއެކު، ދެން މުއިއްޒަށް އެންމެ ބޮޑު ތްރެޓްއެއް ކަމަށް ފާހަގަކުރެވުނީ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް މީޑިއާތަކުން ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ ކަމުގެ ބިރު ކަމަށާއި އެހެންކަމުން މިހާރު މީޑިއާތަކާއި ނޫސްވެރިކަމުގައި ކަސްތޮޅު އަޅުވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިނިވަން މީޑިއާ ނެތިކޮށްލުމަށް ތަސްދީގުކުރި ބިލާއިއެކު މިހާރު ފެނިގެންދަނީ އެ ބިލުގެ ބިރަށް ސަރުކާރަށް ޘަނާ ކިޔާ އޮފުދާރު ސުރުޚީތަކުން ނޫސްތައް ފަވާލަމުން އަންނަ މަންޒަރުކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ގައުމުގެ އިޤްތިސާދު ހަމައަކަށް އެޅިފައިވާ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވުމުން އެއިން ސިފަވެގެންދަނީ ރައްޔިތުންނަކީ ތަންދޮރު އޮޅުންނުފިލާ ބަޔެއް ކަމުގައި ސަރުކާރުން ގަބޫލުކުރައްވާކަން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރަށް ވެގެން އުޅޭ ގޮތަކީ އަބޫ ޖަހުލު ރަސޫލާ ސ.އ.ވ އަރިހުގައި އެކަލޭނގެފާނުގެ ރިސާލަތު އަބަދު ރައްޔިތުން ކައިރީ ދައްކަވަންޏާ އޭނާއަށްވެސް އެކަލޭނގެފާނަކީ ރަސޫލެއްކަމަށް ގަބޫލުކުރެވިދާނެކަމަށް ބުނި ފަދަ ގޮތް ކަމަށް ބުނެ ރައީސް ޔާމީން ސިފަކުރެއްވިއެވެ. މާނައަކީ މުއިއްޒުގެ ސަރުކާރުންވެސް ތަކުރާރުކޮށް ރައްޔިތުން ކައިރީ އެއް ދޮގުތަކާއި ވައުދުތައް ވަންޏާ ރައްޔިތުންވެސް އެކަން ގަބޫލުކުރާނެ ކަމަށް ސަރުކާރަށް ހީކުރުން ކަމުގައެވެ.

ރޭގެ ޖަލްސާގައި ސަރުކާރުގެ ދެއަހަރުގެ ތެރޭގައި ހިނގާދިޔަ ކަންކަމަށް ބޮޑެތި ފާޑުކިޔުންތަކަށް އަލިއަޅުވާލާފައިވާއިރު ޒުވާނުންނަށް އަމާޒުކޮށްގެން "ރައިޒްއަޕް" ނަމުގައި ޚާއްސަ އިވެންޓެއް މިރޭ ހުޅުމާލެ ފޭސްދޭއްގައި ކުރިއަށް ގެންދިޔުމަށް ޕީއެންއެފުން ވަނީ ރާވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved