March 15, 2026
Advertisement
-
- / އަދަދު

އަތޮޅު ކައުންސިލްތައް އުވާލުމާއި ދެކޮޅަށް ކުޑަހުވަދޫ ރައްޔިތުން މުޒާހަރާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 22, 2025, 04:34 PM
މާލެ ސިޓީ

އަތޮޅު ކައުންސިލުތައް އުވާލުމަށް ސަރުކާރުން ނިންމާ، ހުށަހަޅާފައިވާ މައްސަލައާއި ދެކޮޅަށް ދ.ކުޑަހުވަދޫ ރައްޔިތުން މުޒާހަރާކޮށްފިއެވެ.

Advertisement

ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ ރަށުގެ އެކި އުމުރުފުރައިގެ، އެކި ފިކުރުގެ މީހުން ބައިވެރިވެފައިވެއެވެ.

ޒަމާނުއްސުރެ ދ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ކުޑަހުވަދޫ އޮތްއޮތުން ނިމުމަކަށް އަންނާނެތީ އިއްޔެ ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި މުޒާހަރާގައި ދ. އަތޮޅުގެ އިސްވަންތަ ރަށުގެ ޝަރަފާއި ފަހުރުވެރިކަން ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން ގެއްލުމުގެ ބިރު އޮތުމުން، އެކަމާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ބޯޑުތައްވެސް ބައިވެރިން ވަނީ ބޭނުންކޮށްފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ މި ގާނޫނުގެ ސަބަބުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ. އަދި ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އިސްލާހުގައިވާ ގޮތުން އިންތިހާބު ކުރަންޖެހޭނީ ކައުންސިލާ އެއް އަދަދަކަށެވެ. ތިން ކައުންސިލަރުން ހޮވާ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވެސް ތިބޭނީ ތިން މެންބަރުންނެވެ.

ދ.ކުޑަހުވަދޫގެ އިތުރުން ގިނަ ރަށްރަށުން، ލާމަރުކަޒީ ގާނޫނަށް ގެނައި މި ބަދަލާއިއެކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އަތޮޅު ކައުންސިލް އުވާނުލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved