އަތޮޅު ކައުންސިލްތައް އުވައިލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާތީ, އެކަމާ ދެކޮޅަށް ދ. ކުޑަހުވަދޫ ރައްޔިތުން މުޒާހަރާކޮށްފި އެވެ.
ހުކުރު ދުވަހުގެ ހަވީރު ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ ރަށުގެ އެކި ފިކުރުގެ އެކި އުމުރުފުރައިގެ މީހުން ބައިވެރިވެފައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޒަމާނުއްސުރެ ދ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ކުޑަހުވަދޫ އޮތްއޮތުން ނިމުމަކަށް އަންނާނެތީ ހުކުރު ދުވަހުގެ ހަވީރު ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސުލްހަވެރިކަމާއެކު އެ މުޒާހަރާ ކުރިއަށް ގެންދިޔައީ ކުޑަހުވަދޫއަށް ޒަމާނުއްސުރެ ލިބިފައި އޮތް ދ. އަތޮޅުގެ އިސްވަންތަ ރަށުގެ ޝަރަފާއި ފަހުރުވެރިކަން ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން ގެއްލުމުގެ ބިރު އޮތުމުންކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.
ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އިސްލާހުގައިވާ ގޮތުން އިންތިހާބު ކުރަންޖެހޭނީ ކައުންސިލާ އެއް އަދަދަކަށެވެ. ތިން ކައުންސިލަރުން ހޮވާ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވެސް ތިބޭނީ ތިން މެންބަރުންނެވެ.