ރައީސް ޑރ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ހިންގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް މިހާރުގެ ސިޓީ ކައުންސިލުން ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅަން ޖެހޭ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވެފައިވަނީ މޭޔަރު ކަމުގައި ހުންނަވާ މާލޭގެ ބިންތަކުން މޭޔަރު މުއިއްޒު ހިންގާފައިވާ ބޮޑެތި ޚިޔާނާތް މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ ފަޅާ އަރުވާލާފައި ކަމަށެވެ.
މޭޔަރު ކަމުގައި ހުންނަވާ މާލޭގެ ބިންތަކުން މުއިއްޒު ހިންގާފައިވާ ބޮޑެތި ޚިޔާނާތް މިހާރުގެ މޭޔަރު އާދަމް އާޒިމް މިވަނީ ފަޅާ އަރުވާލާފަ. ރައީސް ކަމުން މުއިއްޒު އިސްތިއުފާ ދެއްވަންޖެހޭ. މާލެ ސިޓީ ކައުންސިލުން މައްސަލަ ޕޮލިހަށާއި އޭސީސީ އަދި ޕީޖީއަށް ހުށަހަޅަންޖެހޭ. އަވަސްކުރޭ. pic.twitter.com/WMCBa4IOxq
— Mohamed Maleeh Jamal (@maleehjamal) November 23, 2025
ރައީސް ކަމުން މުއިއްޒު އިސްތިއުފާ ދެއްވަންޖެހޭކަމަށް ވިދާޅުވެ މަލީހު އިތުރަށް ވިދާޅުވެފައިވަނީ، މާލެ ސިޓީ ކައުންސިލުން މައްސަލަ ޕޮލިހަށާއި އޭސީސީ އަދި ޕީޖީއަށް އަވަސް ގޮތެއްގައި ހުށަހަޅަންޖެހޭ ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މާލެ އާއި ވިލިމާލޭގެ ބިންތަކުގެ ތެރެއިން 40 ޕަސެންޓު ބިން ކުއްޔަށް ދީފައި ވަނީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައިކަން މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލީ ލިސްޓުން ހާމަވެއެވެ.
އެގޮތުން ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗު އަދި ރަސްފަންނު ސަރަހައްދުގައި ޓަކްޝޮޕާއި ރެސްޓޯރެންޓު ހިންގަން ދޫކޮށްފައިވާ ބިންތަކާއި ދާރުލްއާސާރު ކުރިމަތީގައި އޮންނަ ހިއްތަން މައިޒާނުގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ލެޑް ޕެނަލްތައް ވެސް ހިމެނެ އެވެ.
އޭގެއިތުރުން، ވިލިމާލެ ބޯޅަ ދަނޑާއި މާލެ ސިޓީ ނާސަރީ ބިމުގެ އިތުރުން ރޯމަސް މާރުކޭޓާއި އެ ނޫން ވެސް ބައެއް ސަރަހައްދުތަކުގައި ފިހާރަ އާއި ގުދަން ހިންގާ ބިންތައް ހިމެނެ އެވެ.
މާލެ އާއި ވިލިމާލެއިން އެތައް ބިމެއް މުއިއްޒުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފައިވާއިރު، މާލޭގެ މަގުތަކުން ޕާކިން ޖާގައިގެ ގޮތުގައި އެތައް ސަތޭކަ ޖާގައެއް ވެސް ވަނީ އެމަނިކުފާނުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފަ އެވެ.
ނަމަވެސް އެއީ ގާނޫނާ ހިލާފު ކަމެއްކަމަށް، ކުރީގެ ބަންޑާރަނައިބު ލަފާ ދެއްވާފައި ވާތީ މިހާރު ވަނީ އެ ޖާގަތަކުގެ އެގްރީމެންޓު އައު ނުކުރަން ނިންމައިފައެވެ.