ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިމިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މައްސަލައެއް ބަލަމުންދާކަމަށް މީޑިއާގައި ރިޕޯޓް ކުރިތާ ދެތިން ދުވަސް ފަހުންނެވެ.
ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމާއި ހަވާލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވި ބޭފުޅެކެވެ.
ފަނޑިޔާރުކަމަށް އައްޔަން ކުރުމުގެ ކުރިން ފައިސަލް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމް ފުރުއްވާފައެވެ.