ޕާކިސްތާންގެ މަދަނީ ސިފައިންގެ މައި މަރުކަޒު ކައިރީގައި ދިން ބޮމުގެ ޙަމަލާތަކެއްގައި މިހާތަނަށް ތިން މީހުން ޝަހީދުވެފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.
ޕާކިސްތާންގެ ޕެޝާވަރް ސަހަރުގައި ހުންނަ އެ މަރުކަޒުގެ ތެރެއަށް ބަޔަކު ގަދަކަމުން ވަދެފައިވަނީ ބަޑިން ޙަމަލާދިނުމަށްފަހުއެވެ. އަދި މަރުކަޒުގެ ތެރެއަށް ވަނުމާއެކު، އޭގެ ތެރެއިން ތިން މީހުން ވަނީ ބޮން ގޮއްވާލާފައިކަމަށް ޕާކިސްތާންގެ ފުލުހުން ބުނެފައިވެއެވެ.
އެ ޙަމަލާގައި އިތުރު ފަސް މީހުން ޒަޚަމްވެ، ހަސްފަތާލުގައި ދަނީ ފަރުވާދެމުންނެވެ. އެ ފައުޖުގެ ކޮމާންޑަރުގެ ނައިބު ޖާވިދު އިޤްބާލް ވިދާޅުވީ، އެ ޙަމަލާގައި ޝަހީދުވެފައިވަނީ، މަދަނީ ސިފައިންގެ ތިން މީހުން ކަމަށެވެ.
މަރުކަޒުގެ ތެރޭގައި ޙަމަލާދިން މީހުންގެ ބަޔަކު އަދިވެސް ހަރަކާތްތެރިވަމުންދާކަމަށް ބެލެވޭތީ، މަރުކަޒު ވަށައިގެން ފުލުހުންނާއި ސިފައިން ގުޅިގެން ބަންދުކޮށް، ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.