
ހުޅުމާލެ ބައު އިންޖީނުގޭގައި މަސައްކަތް ކުރުމުގެތެރެއިން ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައި ވާކަމަށެވެ.
މި މުވައްޒަފަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައިއެވެ.
މިހާދިސާ ހިނގާފައިވާއިރު މިއަދު ވަނީ މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިއެވެ.
މިކަމާގުޅިގެން ސެޓްލެކޯއިން ބުނެފައިވަނީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި ވެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
ނަމަވެސް މިހާރު މިސަރަހައްދުތަކަށް ވަނީ ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިއެވެ.










