ބިޑުކުރުމެއް ނެތި 53 ކުންފުންޏަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް އެ ކުންފުނިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތައް ދިފާއުކޮށްފި އެވެ.
ބިޑްކުރުމެއްނެތި، ބޭނުންވާ ބަޔަކަށް މަޝްރޫއުތައް ހަވާލުކުރިއިރު އެ ކުންފުނިތަކަށް ލޯނު ދޫކުރަނީ ނުވަ ޕަސެންޓު އިންޓްރެސްޓް ރޭޓުގައެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަންގެ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި އެ ބޭންކުން ބުނީ ފައިސާ ހަމަޖައްސައިދެނީ ބޭންކިންގ ގާނޫނާ ހިލާފަށް ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
ސަރުކާރުން މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތް އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތް ނެތް ކުންފުނިތައް ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރީ ސަރުކާރާއި ގުޅުން އޮންނަ ކުންފުނިތަކަށާއި މުއިއްޒުގެ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ގުޅުން އޮންނަ ކުންފުނިތަކަށެވެ. ޕީއެންސީއަށް ނިސަބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ހަވާލުކޮށްފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން ބީއެމްއެލްއަކީ އެމަނިކުފާނުގެ އަމިއްލަ ކުންފުންޏަކަށް ހައްދަވައިގެން ކަންކަން ކުރައްވާކަން ފާހަގަކޮށްލެވެއެވެ.