ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވީއްލުމަށްޓަކައި އެއްވެސް މަސައްކަތެއް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރާކަމަކަށް އުންމީދު ނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވެެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތު ހާމަކުރުމަށް ބާއްވަމުން އަންނަ ޖަލްސާތަކުގެެ ތެރެއިން އާދިއްތަ ދުވަހުގެ ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު އަމާޒުކުރައްވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަން ނުކުރުމުން އެއްވެސް ޝަކުވާއެެއް ނެތްކަމަށާއި އެންމެ ކަންބޮޑުވަނީ ރައްޔިތުން ކުދި ކުދި ކަންކަމުން މަހުރޫމު ކުރަމުން ގެންދަވާތީ ކަމަށެވެ.
އޭގެއިތުރުންވެސް އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު އެމަނިކުފާނަށް ލުއިތަކެއް ދޭން ޖެހިލުންވެވަޑައިގެންނަވަނީ އެމަނިކުފާނު ޓީވީ އިންޓަވިޔުއެއް ދެއްވާ އެމަނިކުފާނު ޕީޕީއެމް ދޫކުރައްވާ އައު ސިޔާސީ ޕާޓީ އުފައްދަން ޖެހުނު ސަބަބު ރައްޔިތުންނާ ހަމަޔަށް ހާމަކުރައްވަފާނެތީކަމަށެވެ.
މިއަށްވުރެ މާ އާދައިގެ ހައްގުތަކެއް ދެވެން އޮއްވާ ނުދީ މަހުރޫމްކޮށްގެން ހިފަހައްޓައިގެން މިއުޅެނީ، ދެން ކީއްކުރަންތޯއޭ އަޅުގަނޑު އުންމީދު ކުރަންވީ، އަޅުގަނޑުގެ އިންތިޒާރުގެ އެއްވެސް ހިސާބަކު ނެތް ރައީސް މުއިއްޒު އަޅުގަނޑު ވީއްލުމަށް އެއްވެސް މަސައްކަތެއް ކުރައްވާކަމަކަށް، ކުރައްވަންޏާ ކީއްވެގެންތޯ މިއަދު ކުރަންވީ؟ ކީއްްވެގެންތޯ މި ދެމަސް ދުވަސް ދިޔަ އިރު ނުކުރެވެންވީ؟ އެހެންވީމާ އެވާހަކަ ހުއްޓާލަމާ!
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ލުޔެއް އެމަނިކުފާނަށް ދިނުން އެއީ ވަރަށް ކުޑަ މިންވަރުކަމަށެވެ. ނަމަވެސް އެ ކަމުން ވެސް މަހުރޫމް ކުރެއްވީމާ ދެން ރައީސް މުއިއްޒު އެމަނިކުފާނު މިނިވަންކުރައްވާނެކަމުގެ އުންމީދު ނުގެންގުޅުއްވާކަމަށެވެ.
އެހެންކަމުން ދެން އެއްވެސް ފަރާތެއް އަދުގެ ސަރުކާރުން އެމަނިކުފާނު މިނިވަން ނުކުރެއްވި ވާހަކަ ނުދެއްކެވުން އެދޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މައްސަލަ ލަސްކުރަމުން ގެންދެވި ކަމުގައިވީނަމަވެސް އިސްތިއުނާފީ މަރުހަލާތަކުން މާތް ﷲ ގެ ރަހްމަތުން ސަލާމަތްވާނެކަމުގެ އުންމީދު އެބައޮތްކަމަށެވެ. ސަބަބަކީ އެމަނިކުފާނަކީ މައުސޫމް ބޭފުޅަކަށް ވާތީ ކަމަށާއި ގާނޫނީ ފަރުވާ ލިބިގެން ދޮގު ތުހުމަތު ތަކުން އެމަނިކުފާނު ސަލާމަތްވާނެތީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.