ގޯތި ދޭން އިއުލާންކުރިއަކަސް ރައްޔިތުންނަށް އަދި ނޫޅެވޭނެ ކަމަށް ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި އިޝްތިހާރުކުރަމުންދާ ރަސްމާލޭން 15،000 ގޯތި ދޫކުރަން އިއުލާންކޮށްފައިވާއިރު އަދި ދެ އަހަރުގެ ކާމިޔާބީގެ ގޮތުގައި ސަރުކާރުން އެކަން ބުނަމުންދާއިރު އެ ކަމަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ ހުޅުމާލެ ފޭސް ދޭއްގައި ހުކުރު ދުވަހުގެރޭ "ރައިޒް އަޕް ޔޫތު"ގެ ނަމުގައި ބޭއްވި އިވެންޓްގައެވެ.
އެމަނިކުފާނު ވިދާޅުވި، ސަރުކާރަށް ދެ އަހަރު ފުރިގެން ވެރިކަން ކުރާ ޕީއެންސީން ބޮޑު ޖަލްސާއެއް ބާއްވާތީ އެންމެ އިންތިޒާރުކުރެއްވީ އެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންނަށް ކޮށްދެވުނު ވާހަކަ އަޑުއެއްސެވުމަށް ކަމަށެވެ.
ނަމަވެސް ވެސް އިވިގެން ދިަޔއީ އުއްމީދުކުރި ކަހަލަ ވާހަކަފުޅުތަކެއް ނޫން ކަމަށާ އިވިގެން ދިޔައީ ސަރުކާރުން ކޮށްދޭން ހުރި ކަންކަމުގެ ވާހަކަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެސް ގިނައީ ބިން ހިއްކުމާއި ފަޅުފަޅުން ގޯތި ދޫކުރާ ވާހަކަ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ގަބޫލުކުރައްވާ ގޮތުގައި، ބިން ހިއްކުން އެއީ ސަރުކާރަކުން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަމެއް ނޫނެވެ. ބިން ހިއްކުމަކީ އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތައް ކަމަށާއި އެކަން އެކަނިކޮށްގެން ނުުފުދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ހިއްކާ ބިމެއްގައި އެއްގަމު ތޮށްޓާއި ކަނޑުތޮށި ވެސް ލާން ޖެހޭނެ ކަމަށެވެ. ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ވެސް އިންފްރާސްޓްރަކްޗާ ލާން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ސިއްހީ އަދި ތައުލީމީ ހިދުމަތްތަކުގެ އިތުރުން ދޫކުރާ ގޯތީގައި ގެދޮރުއެޅޭނެ ގޮތެއް ވެސް ހޯދައިދޭން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެއްކެވީ ރަސްމާލެއިން 15،000 މީހުނަށް ގޯތި ދެއްވާނަމޭ. ކާށިދޫ ކަނޑުން 30،000 މީހުނަށް ގޯތި ދެއްވާނަމޭ. ބަރަވެލި ކަނޑުން 20،000 މީހުނަށް ގޯތި ދެއްވާނަމޭ. ހައްތަހާ ވެސް ކުރަން ހުރި ކަންކަމުގެ ވާހަކަ. މިހެން ހިއްކާ ބިމަކުން އަދި ގޯތި ދީގެނެއް ރައްޔިތުންނަކަށް އަދި ނޫޅެވޭނެއޭ. ކޮބައިތޯ އިންފްރާސްޓްރަކްޗާ؟ އެ ހުރިހާ ކަމެއް ކޮށް ނިމޭއިރު މުއިއްޒު ކިތަންމެ މުރާލި ވިއަސް އަޅުގަނޑަށް ހީވަނީ މުއިއްޒު އެނދުމަތިވާނެހެން.
ޖަލްސާ ކުރިއަށްދިޔަ ހުޅުމާލެ ފޭސް ދޭއްގެ ބިމަކީ މީގެ ހަތް އަހަރު ކުރިން އެމަނިކުފާނުގެ ވެރިކަމުގައި ހިއްކައި ނިމުނު ބިމެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް އައި އިރު ސަރުކާރުތަކަށް އެ ބިންތައް ވެސް ރަނގަޅަށް ބޭނުން ނުކުރެވޭ ކަމަށެވެ.