ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ޖަލުގައި ހުންނަވަނިކޮށް އަނިޔާކޮށް އަވަހާރަކޮށްލާފައިވާ ކަމުގެ ސިއްރު ރިޕޯޓުތަކެއް ފެންމަތިވެ، އޭނާ އަވަހާރަވެއްޖެ ކަމަށް ދެކެވޭ ވާހަތައް ދޮގުކޮށްފި އެވެ.
ބަލޫޗިސްތާނުގެ ހާރިޖީ ވުޒާރާ އާއި ޕާކިސްތާނުގެ ބައެއް ނޫސްތަކުން އިމްރާން ހާން އަވަހާރަކޮށްލި ކަމަށް ބުނެ ތުހުމަތުތައް ކުރާއިރު، ޕާކިސްތާނުގެ އިންޓެލިޖެންސް އެޖެންސީ އައިއެސްއައި އާއި އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު މިކަމުގައި ބައިވެރިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ރާވަލްޕިންޑީގެ އަދިޔާލާ ޖަލުގައި އިމްރާން ހާން ހުންނަވަނިކޮށް އަވަހާރަކޮށްލި ކަމުގެ ރިޕޯޓުތައް ޕާކިސްތާނުގެ ސޯޝަލްމީޑިއާ އާއި ބައެއް އަފްޣާން މީޑިއާގައި ވަރަށް ބޮޑަށް ދަނީ ފެތުރެމުންނެވެ. ބަލޫޗިސްތާނުގެ ޚާރިޖީ ވުޒާރާގެ އެކައުންޓަކުން ވެސް މި ތުހުމަތުތައް ކުރިއިރު، ޕަންޖާބުގެ ޖަލުތަކުގެ ތެރެއިން ލިބުނު މައުލޫމާތުތަކަށް ބުނެފައި ވަނީ އިމްރާން ހާން އަވަހާރަކޮށްލީ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު އާއި އޭނާގެ އައިއެސްއައި އިދާރާއިން ކަމަށެވެ.
އިމްރާން ހާން އަވަހާރަކޮށްލި މައުލޫމާތަކީ ތެދު މައުލޫމާތެއްނަމަ، ޕާކިސްތާން ނިމުމަކަށް އައީ ކަމަށާއި، އެ ގައުމުގެ އެންމެ ފަހު ޝަރްއީ ހައިސިއްޔަތު ނެތިގެން ދާނެ ކަމަށް ބަލޫޗިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ.
އޭނާ އަވަހާރަކޮށްލި ކަމަށް ބުނެ ފެތުރޭ މި ހަބަރާއެކު ޖަލު ބޭރުގައި ގިނަ ބަޔަކު އެއްވެފައިވާ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެހެން ނަމަވެސް ރާވަލްޕިންޑީގެ އަދިޔާލާ ޖަލާއި ހަވާލާދީ އިންޑިއާގެ މަޝްހޫރު ނޫސް "ދަ ޓައިމްސް އޮފް އިންޑިއާ" އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އިމްރާން އަވަހާރަކޮށްލި ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ފެތުރެމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިމްރާންހެ ހާލަު ރަނގަޅެކެވެ. އަދި އޭނާއަށް އެފަދަ އެއްވެސް ނުރައްކަލެއް ކުރިމަތި ނުވެ އެވެ. އަދި އޭނާގެ ބަލި ހާލަތު ހުރި ހޮތުން މިހާރު ވެސް މެޑިކަލް ޓްރީޓްމަންޓް ދެމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.