
ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ގެންގުޅުއްވަނީ ހުސް ޖާދޫގަރުން ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސިފަކޮށްފިއެވެ.
ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގައި ބޭސް އުފެއްދޭނެ ނިޒާމެއް ގާއިމުވަންދެން ސީރިއަސް ބަލިތައް ތަހައްމަލުކުރާ މީހުން ކެތްކޮށްލައިގެން ތިބުމަށް ހެލްތް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ މަލީހް އެކްސްގައި ވިދާޅުވީ މިއީ ސަރުކާރުގެ އަނެއް މެގަ ޕްރޮޖެކްޓް ކަމަށެވެ.
ވެރިކަމާއި މުއިއްޒު ހަވާލުވިތަނުން ފެށި މި ސަރުކާރުން ސިފަކުރާ އެންމެ ބިޔަ ޕްރޮޖެކްޓް "ރަސްމާލެ" ވެސް ވީ މިހާރު ވާނުވާގައި ކަމަށާއި ހަމަ މި ބީދައިން އަހަރަކު 400 މިލިއަން ޑޮލަރު ފައިދާގެ ގޮތުގައި ލިބޭނެ ކަމަށް ބުނެ ފެށި ބަންކަރިންގެ ޚިދުމަތްވެސް ދިޔައީ ޖެހި ހިސާބުތަކާއި ދިމާނުވެ ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.
މިއީ އަނެއްކާވެސް ސަރުކާރުން ހިންގަން އުޅޭ ޖަރީމާއެއް ކަމަށް ފާހަގަކޮށް މަލީހް ވިދާޅުވީ ބޭސް އުފައްދާ ކާރުޚާނާއެއް އުފައްދާ އެއް ބިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެ ކަމަށް ބުނެ ރައްޔިތުންނަށް އަނެއްކާވެސް އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރުން، މުއިއްޒު ގެންގުޅެނީ ހުސް ޖާދޫގަރުން ކަމަށާއި، ރާއްޖޭގައި އުފައްދާ ބޭސްތަކުގެ ފުރަތަމަ ބެޗުން ބޭސްކުރަން ޖެހެނީ މުއިއްޒަށް ކަމަށް ބުނެ މަލީހް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.










