March 16, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޕީޕީއެމް

ރާއްޖޭގައި މިހާރު އޮތީ "މުއިއްޒު ޤާނޫނު": ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 30, 2025, 10:39 PM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، މި ސަރުކާރުން ގާނޫނުގެ ވެރިކަން ކުރުމުގައި ދައްކަމުންދާ ކަންކަމަށް ފާޑުވިދާޅުވެ، ރާއްޖޭގައި މިހާރު އޮތީ "މުއިއްޒު ގާނޫނު" ކަމަށް ތުހުމަތު ކުރައްވައިފިއެވެ.

Advertisement

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވަނީ، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ރާއްޖޭގައި ދެވޭ އިމްތިޔާޒުތަކާއި، މެލޭޝިއާގައި ހިނގާފައިވާ ކަންކަމުގެ މިސާލެއް ސިފަކޮށް އަޅާ ކިޔާފައެވެ.

ޑރ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ އެންމެ އަރިސް ޕޮލިޓިކަލް ސެކްރެޓަރީ ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން އިސްތިއުފާދީ އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޙާޟިރުކުރެވިފައެވެ. މިއީ ގާނޫނުގެ ވެރިކަން ހިންގާ ގައުމުތަކުގައި ފެންނަ ރަނގަޅު މިސާލެއް ކަމަށް ޑރ. ޖަމީލް ދެކެވަޑައިގަންނަވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ރާއްޖޭގެ މިހާރުގެ ޙާލަތާ އެކަން އަޅުވައި ބައްލަވަމުން ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ތަފާތަކީ ރާއްޖޭގައި ރައީސް މުޢިއްޒުގެ އަރިސް ބޭފުޅުން ކަމަށްވާ ފަޒުލް، ބޯފަން އަބްލޯ، މުޢާޒް، ވަޖީހުގެ އިތުރުން ފަލާޙް އަދި ޝުޖާއު ފަދަ ބޭފުޅުން ވަނީ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވުމާއިއެކު "އެތެރެކޮއިލަށް" ވައްދާފައި ކަމަށެވެ. އަދި ރާއްޖޭގައި ގާނޫނުގެ ވެރިކަމެއް ނެތް ކަމަށާއި، އޮތީ "މުއިއްޒު ގާނޫނު" ކަމަށް ޑރ ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވަނީ، ރައްޔިތުން އެދޭ ގޮތަށް، ދެން އުފެދޭ ވެރިކަމެއްގައި ތަފާތު ކުރުމެއް ނެތި، ވެރިމީހާގެ ބިއްދޮށަށް ވަދެ ފިލާތިބި މިފަދަ ފަރާތްތަކުގެ މައްޗަށް ގާނޫނު ހިންގުމަށް ގޮވާލައްވާފައެވެ. މިކަމަކީ ރައްޔިތުން މިހާރުވެސް އެދެމުންދާ ކަމެއް ކަމަށް ޖަމީލްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ. ޑރ. ޖަމީލްގެ މި ބަސްފުޅުތަކުން ސަރުކާރާއި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކަށް ބޮޑެތި ސުވާލުތަކެއް އުފެދިގެން ގޮސްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved