March 15, 2026
Advertisement
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގެ ތެރެއިން
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގެ ތެރެއިން / -

ރައްޔިތުންނަށް، މަޖިލީހަށް ޕެޓިޝަން ހުށަހަޅަން އޮންނަ ފުރުސަތު ހަނިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 1, 2025, 07:44 PM
މާލެ ސިޓީ

މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންނަށް އޮންނަ ފުރުސަތު ހަނިކުރަން ފާސްކޮށްފިއެވެ.

Advertisement

ރައްޔިތުންގެ ބާރު ކަނޑުވާލާ ފަދަ ނިންމުމެއް ނިންމާ މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތާއީދާއެކުއެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނުވަ ބޭފުޅަކު ވޯޓު ދެއްވިއެވެ.

މަޖިލީހުގެ ގަވާއިދަށް ގެންނަން ފާސްކުރި އިސްލާހުގައިވާ ގޮތުން އެއްވެސް ކަމެއްގައި ދެން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނީ މަދުވެގެން 500 މީހުންގެ ސޮއި އާއެކުއެވެ. އަދި ޕެޓިޝަނުގައި ސޮއިކުރާ ހުރިހާ އެންމެންގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ފޯނު ނަންބަރު ހިމެނުމަށް ވެސް އެ އިސްލާހުގައި ލާޒިމު ކޮށްފައިވެއެވެ.

އިސްލާހުގައިވާ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރާ މީހުންގެ އަދަދު، ދިވެހިރާއްޖޭގެ އާބާދީގެ 0.2 ޕަސެންޓަށްވުރެ މަދުނަމަ އެ ޕެޓިޝަނެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާ ކުރުމުންނެވެ.

ހަމަ އެހެންމެ ދިވެހިރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ނަމަ، އެ ޕެޓިޝަނެއް މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރަން ހުށަހެޅުމުގެ ކުރިން، ޕެޓިޝަނުގައި ސޮއިކުރި މީހުންގެ 10 ޕަސެންޓު މީހުންނަށް މަޖިލީހުން ގުޅައި އެ ޕެޓިޝަނުގައި ސޮއިކުރީ އެމީހުންކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

މިފަދަ އިސްލާހެއް ގެނެސް ސަރުކާރު ޒިންމަދާރު ކުރަންމަޖިލިސް މެދުވެރިކޮށް ރައްޔިތުން ކުރަން އޮތް މަސައްކަތަށް ހުރަސް އަޅާ މަގު ހަނި ކޮށްފައިވާއިރު، މީގެ ކުރިން އޮންނަ ގޮތުން، މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ވަކި އަދަދަކަށް ސޮއި ހަމަކުރާކަށް ނުޖެހެއެވެ.

މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނެ ކަމަށް ގަވާއިދުގައި އޮންނަނީ ތިން ހާލަތެއްގައެވެ. އެއީ:

  • މަޖިލީހަށް ތައާރަފު ކުރެވިފައިވާ ނުވަތަ ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުން
  • މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން
  • ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނޭ ކަމަކާ ގުޅޭގޮތުންނެވެ.

ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު އޮތް ކަމަކާ ގުޅޭގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނީ އެ ކަމަކީ ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގައި ހިނގަމުންދާ ޝަރީއަތެއްގެ ދާއިރާގައި ނުހިމެނޭ ކަމަކަށް ވާނަމައެވެ. އަދި އެ ކަމަކީ ގާނޫނީ ގޮތުން ހައްލު ހޯދޭނެ ކަމަކަށްވާ ނަމަ ވެސް އެ މައްސަލައަކާ ގުޅިގެން ޕެޓިޝަނެއް މަޖިލީހަށް ހުށައެއް ނޭޅޭނެއެވެ.

އޭގެ އިތުރުން މިއަދު ފާސްކުރި އިސްލާހުގައި ވަނީ އިލެކްޓްރޯނިކް ޕެޓިޝަންގެ ނިޒާމެއް ތައާރަފު ކުރަން ވެސް ހިމަނައިފައެވެ. އެގޮތުން އިލެކްޓްރޯނިކް ޕެޓިޝަންތަކުގައި ސޮއި ކުރުމަށް އާންމުންނަށް ހަ ހަފުތާގެ މުއްދަތެއް ދިނުމަށް ވެސް އިސްލާހުގައި ހިމަނާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved